ރާއްޖެއިން ހައްޖުވެރިން ފުރަން ފަށައިފި
15 މޭ 2026 - 13:10

ރާއްޖެެއިން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްދާ މީހުން ފުރަން ފަށައިފިއެވެ.
އެގޮތުން މެއި 15 ވީ ހުކުރު ދުވަހުގެ ފުރި ފުރަތަމަ ފްލައިޓުގައި 238 މީހުން ވަނ ީފުރާފައެވެ. އެމީހުން ދަތުރުކުރަނީ ސަޢޫދިއާ އެއަރލައިންގައެވެ.

Ad by Hajj Corporation
ދިވެހިރާއްޖެއަށް މިއަހަރުވެސް ރަސްމީ ކޯޓާގައި 1000 ކޯޓާ ލިބިފައިވާއިރު، ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާއަށް ގެންދިޔުމަށް 4 ފްލައިޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެއީ ސަޢޫދިއާ އެއާލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ. ޙައްޖުވެރިންގެ ފްލައިޓުތައް ދަތުރުކުރުމަށް ނިންމާފައިވަނީ މިމަހުގެ 17 ވަނަ ދުވަހާއި 18 އަދި 19 ވަނަ ދުވަހުއެވެ.
މިމަހުގެ 17 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 257 ޙައްޖުވެރިން ފުރުމަށް ނިންމާފައިވާއިރު، 18 ވަނަ ދުވަހު އޮންނަ ސަޢޫދިއާ އެއާލައިންގައި 267 ޙައްޖުވެރިން ފުރާނެއެވެ. އަދި މިމަހުގެ 19 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 256 ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ.
ޙައްޖުވެރިން ފުރުމުގެ ކުރިން އެއާޕޯޓުގެ ތައްޔާރީތައް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބައްލަވައިލައްވާފައެވެ. ވަޒީރު ވިދާޅުވީ، ހައްޖުގެ އެންމެހައި އިންތިޒާމްތަކެއް ފުރިހަމަ ކުރެވިފައިވާ ކަމަށާއި މައްކާގައިވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ހޮޓަލުގައި ފުރިހަމަ އިންތިޒާމްތަކެއް ޤާއިމު ކުރެވިފައިވާ ކަމަށެވެ. ވަޒީރާއެކު ސައުދީ ސަފީރާއި މައްކާ ރޫޓު އިނިޝިއޭޓިވްގެ ޓީމުތަކުންވެސް އެއާޕޯޓުގައި ވަނީ ހަރަކާތްތެރިވެފައެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ހައްޖުވެރިން ފުރަން އޮންނަ ދުވަހުގެ ކުރިން އެމީހުންގެ ފޮށިތައް ނަގާ ދުރާލާ ޗެކިން ކުރުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނުން ވަނީ ކޮށްފައެވެ. އަދި އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ޙައްޖުވެރިންނަށް ޚާއްސަ ކޮށްގެން ބަސް ދަތުރުތައް ބާއްވާކަންވެސް ފާހަގަކޮށްލެވެއެވެ.
ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި، ފްލައިޓު ފުރާ ގަޑީގެ ފަސް ގަޑިއިރު ކުރިން، ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް ކަނޑައެޅިފައިވާ ބަސް ރޫޓުތަކުގެ ދަތުރުތައް ބާއްވައެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޙައްޖުވެރިންނަށް މައްކާ ރޫޓުގެ ޚިދުމަތް ލިބެއެވެ. މިއާއެކު ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ގިނަ ވަގުތު ހޭދަނުކޮށް ހޮޓަލަށް ދިޔުމުގެ ދަތުރު ފެށޭނެއެވެ.
ޙައްޖުގެ އަޅުކަމުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހެނީ، މިނާގައި ތިބޭ ދުވަސްތަކުގައެވެ. އެހެންކަމުން މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ، ދިވެހި ޙައްޖުވެރިން މިނާގައި ތިބޭ ސަރަޙައްދު ބަދަލުކޮށް ކެޓަގަރީވެސް މަތިކޮށްފައެވެ. މީގެ އިތުރުން މިފަހަރު ވަނީ، ދިވެހިންނަށް ޚާއްސަ ފާޚަނާތައްވެސް އިތުރުކޮށްފައެވެ. މުޅިން އައު ފާޚާނާ އިމާރާތެއް ހަދާ، މިއަހަރު އެ އަދަދު ފަސްދޮޅަހަށްވުރެ އިތުރު ކޮށްފައިވެއެވެ. ފަސޭހައިން ބޭނުންކުރެވޭ ގޮތަށް، އަންހެނުންނާއި ފިރިހެނުންގެ ފާޚާނާ ބަރި ހުންނާނީ ވަކިންނެވެ.
ހައްޖުގެ މަޝާއިރުތަކުގައި ދިވެހިންނަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތަކުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގައި ދިވެހިން ހޭދަ ކުރާ ދުވަސްތަކުގައި ހޮޓަލުގައި ހަމަޖައްސަން ޖެހޭ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ. މިގޮތުން ކެއިން ބުއިމުގެ ޚިދުމަތާއި، ސިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ.


