އިޤްތިޞާދީ ގުޅުން ބަދަހިކުރަން ޤަޠަރާއެކު މަޝްވަރާ ކޮށްފި
22 ޖުލައި 2026 - 12:06

އިޤްތިޞާދީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާ ޤަތަރާ ދެމެދު މަޝްވަރާ ކޮށްފި އެވެ.
މި މަޝްވަރާތައް ކުރެއްވީ، ޤަޠަރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޙަމަދު މުޙައްމަދު ޢަބްދުﷲ އަލްސަނަދު އަލްދައުސަރީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވި ކަމަށްޓަކައި މަރުޙަބާ ވިދާޅުވެފަ އެވެ.
އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އައު ސަފީރާ ބައްދަލުކުރައްވައި، އިޤްތިޞާދީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ޢުމްރާނީ ތަރައްޤީއާއި، މާލީ އެހީތެރިކަމާއި ވުނަކުރުން ހިމެނޭހެން ދެ ޤައުމުގެ މަސްލަހަތު ހިއްސާކުރާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު ޤަޠަރަށް ކުރެއްވި ދަތުރުފުޅަށް އަލިއަޅުއްވާލައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަދި އުޚުއްވަތްތެރި ގުޅުން ފާހަގަކުރައްވާފައެވެ. އަދި މި ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަ ކުރެއްވުމުގެ ޢަޒުމުގައި ތިއްބެވިކަން ދެބޭފުޅުން ވެސް ކަށަވަރު ކޮށްދެއްވި އެވެ.


