"ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި އިތުރު 4 ދާއިރާއަކުން ބައިވެރިވުމަށް ހުޅުވާލައިފި
23 ޖުލައި 2026 - 11:13

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވުމަށް ހަމަޖައްސާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވެވަޑައިގަތުމަށް އިތުރު 4 ދާއިރާއަކުން ނަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ނަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާއިންނެވެ.
މި ބައްދަލުވުމުގައި ބައިވެރިވުމަށް މީގެ ކުރިންވެސް 4 ދާއިރާގެ ރައްޔިތުންނަށް ނަން ނޯޓުުކުރުމަށް ހުޅުވާލިއެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.
ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު މިޕްރޮގްރާމްގެ ތެރެއިން ފަހިވެގެންދާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. މީގެކުރިންވެސް އެމަނިކުފާނުވަނީ ރައްޔިތުންނާ ގާތަށް ވަޑައިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އެމަނިކުފާނުވަނީ ދެއަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ހުރިހާ ކައުންސިލްތަކާއި ބައްދަލުކުރައްވާފައެވެ.

Ad by Hajj Corporation
"ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން، ރައީސް އޮފީހުގެ ވެބްސައިޓްގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް https://rayyithungeadu.presidency.gov.mv/ މެދުވެރިކޮށް އަންނަ ހޯމަ ދުވަހުގެ ރޭގަނޑު 12:00ގެ ކުރިން ނަން ނޯޓުކުރެއްވުމަށް ވަނީ އެދިފައެވެ.


