އުމުރާވެރިންނަށް އެމްއޭސީއެލް އިން ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފި
23 ޖުލައި 2026 - 13:05

އުމުރާވެރިންނަށް ލުއިފަސޭހަ ކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގި ހާއްސަ އޮޕަރޭޝަން، މިއަދު ނިންމާލައިފި އެވެ.
މި އޮޕަރޭޝަން އަކީ މި ހިނގާ ޖުލައި މަހު ފުރި އުމްރާވެރިންނަށް ލުއިފަސޭހަ، އަވަސް އަދި މަޑުޖެހުންކުޑަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން އެމްއޭސީއެލްއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިއަދު ވަނީ ފަހު އުމްރާ ގުރޫޕް ފުރާފަ އެވެ.

Ad by Hajj Corporation
މި މަހު ރާއްޖެއިން 5،565 އަށްވުރެ ގިނަ ޢުމްރާވެރިން ފުރުމާއެކު، އޮޕަރޭޝަން ނިންމާއި ފުރާ ހުރިހާ ޢުމްރާވެރިންވެސް ވަނީ ރާއްޖެއިން ފުރައިފަ އެވެ.
އެމްއޭސީއެލްއިން ބުނީ، މި އޮޕަރޭޝަން ހިންގުމަށް ކުންފުނީގެ ޕެސެންޖަރު ސާވިސަސް، ޓާމިނަލް ސާވިސަސް އަދި އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ގުޅިގެން ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސި ކަމަށެވެ. އެގޮތުން އޮޕަރޭޝަންގެ ދަށުން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި، 100 އަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕްތަކަށް ފުރުމުގެ އެއް ދުވަސް ކުރިން ޕްރީ-ޗެކިން ހެދުމުގެ ފުރުސަތު ހުޅުވާލި އެވެ. މިއާއެކު އުމްރާވެރިންގެ ފޮށިތައް ކުރިއާލާ ޗެކިންކޮށް، ބޯޑިންގ ޕާސް ދޫކުރުމުގެ މަސައްކަތް ޓާމިނަލް ސަޕޯޓް ސާވިސަސްގެ އެހީތެރިކަމާއެކު އޮމާންކޮށް ކުރިއަށް ގެންދިޔައެވެ. އަދި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ޕާސްޕޯޓްތަކުގެ އެޑްވާންސް ކްލިއަރެންސް ހެދުމުގެ އިންތިޒާމުވެސް ހަމަޖެއްސި އެވެ.
އުމްރާވެރިން އެއަޕޯޓަށް އައި ވަގުތު، އެ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ދޮރުން ޓާމިނަލަށް ވަންނަން ފަސޭހަކޮށްދީ، އިމިގްރޭޝަން އަދި ސެކިޔުރިޓީ ސްކްރީނިންގ މަރުޙަލާތައް އަވަސްކުރުމަށް ވަކި ކައުންޓަރުތަކާއި އެކްސް-ރޭ މެޝިންތައް ހާއްސަކޮށްފައިވެ އެވެ.. މީގެ އިތުރުން، އެއާޕޯޓުގެ ބޭރުގެ ސަރަހައްދު ތަރުތީބުކޮށް، ޓެކްސީ ކިއުތައް ބެލެހެއްޓުމާއި، އުޅަނދުފަހަރަށް ފަސޭހައިން ވަދެ ނިކުމެވޭނެ ގޮތަށް މަގުތައް ކުންފުނީގެ އެސްޓޭޓް ސެކިޔުރިޓީ ސާވިސަސްއިން ބަލަހައްޓާފައިވެ އެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނީ، މި ހާއްސަ އޮޕަރޭޝަންގެ ސަބަބުން، އުމްރާވެރިންނަށް ޗެކިން، އިމިގްރޭޝަން، ސެކިޔުރިޓީ ސްކްރީނިން އަދި ބޯޑިން އޮމާންކަމާއެކު އަވަހަށް ނިންމާލާ، އެއްވެސް ބޮޑު ބުރޫއެރުމެއްނެތި ފުރުމުގެ ހިދުމަތް ފޯރުކޮށްދިން ކަމަށެވެ.


