ޔޫރަޕުގެ ބޮޑެތި ކުލަބުތައް ފަހަތަށް ޖައްސާލުމަށްފަހު، ރެއާލް މެޑްރިޑުން ޑިއޮމާންޑޭގެ ސޮއި ހޯދައިފި
27 ޖުލައި 2026 - 09:45
.avif&w=3840&q=75)
އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ ވިންގަރ ޔާން ޑިއޮމާންޑޭ، ރިއަލް މެޑްރިޑާއެކު އަމިއްލަ ޝަރުތުތަކަށް އެއްބަސްވެއްޖެއެވެ. މިއީ އޭނާ ހޯދުމަށް މަސައްކަތް ކުރި ފްރާންސްގެ ޕީއެސްޖީން އެ މަސައްކަތް ހުއްޓާލުމާ ގުޅިގެން އައި ކުރިއެރުމެކެވެ.
އުމުރުން 19 އަހަރުގެ ޑިއޮމާންޑޭ ހޯދުމަށް މީގެ ކުރިން ލިވަޕޫލުން ވެސް ޝައުގުވެރިކަން ފާޅުކޮށް، ޖޫން މަހު 69 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހެޅިއެވެ. ނަމަވެސް އެ ބިޑު ލައިޕްޒިގުން ވަނީ ބޭރުކޮށްލާފައެވެ. އޭގެ ފަހުން ޕީއެސްޖީން މިދިޔަ އާދީއްތަ ދުވަހު ހުށަހެޅި 102.5 މިލިއަން ޕައުންޑުގެ ބިޑު ވެސް ވަނީ ބޭރުކޮށްލާފައެވެ.

Ad by Hajj Corporation
ރިއަލް މެޑްރިޑުން ޑިއޮމާންޑޭއަށް ހުށަހަޅާފައިވަނީ ޖޫޑް ބެލިންގހަމްގެ ކޮންޓްރެކްޓާ އެއްގޮތް އުސޫލުތަކެއް ހިމެނޭ އެއްބަސްވުމެކެވެ. މީގައި ކުޅުންތެރިޔާގެ ކުޅުމަށް ބަލައި އިނާޔަތްތައް އިތުރުވާނެ ގޮތްތައް ހިމެނެއެވެ. ރިއަލް މެޑްރިޑުން މި ކުޅުންތެރިޔާއަށް 100 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް ހޭދަކުރާނެ ކަމަށް ބެލެވެއެވެ.
ޕީއެސްޖީން މި ރޭހުން ވަކިވިކަން ހާމަކުރަމުން ބުނެފައިވަނީ، ކުޅުންތެރިޔާގެ ޓްރާންސްފާ ފީ އާއި މުސާރައިގެ ޑިމާންޑްތަކަކީ ހަމަޖެހޭ އުސޫލުތަކެއް ނޫން ކަމަށެވެ. "ޕީއެސްޖީން މާލީ ހަމަޖެހުމާއި ޓީމުގެ ބެލެންސް ހިފެހެއްޓުމުގެ އުސޫލުތައް މުގުރައެއް ނުލާނެ،" އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ލައިޕްޒިގުން ޑިއޮމާންޑޭ ޓީމުގައި ބަހައްޓަން ބޭނުންވި ނަމަވެސް، ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ލިބެމުންދާ ބޮޑު އަދަދުތަކުގެ ސަބަބުން އޭނާ ވިއްކާލުމަށް ވަނީ މަޖުބޫރުވެފައެވެ. ޑިއޮމާންޑޭ އަކީ 2025-26 ވަނަ އަހަރުގެ ބުންޑެސްލީގާގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި 12 ގޯލު ޖަހައި 8 އެސިސްޓް ހަދާފައެވެ.
ރިއަލް މެޑްރިޑުގެ ސްކައުޓުން ފާއިތުވި ފަސް އަހަރު ދުވަހު ޑިއޮމާންޑޭގެ ކުޅުން ބަލަމުން އައިސްފައިވާ ކަމަށް އެ ކްލަބާ ގާތް ފަރާތްތަކުން ބުނެއެވެ. ލެގަނޭސް އިން ލައިޕްޒިގާ ގުޅުނު މި ކުޅުންތެރިޔާއަކީ މިހާރު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ އުއްމީދީ އެއް ތަރިއެވެ.


