އަޅުގަނޑު ރިޔާސަތުގައި އިންނަހާ ހިނދަކު މަޖިލިސް ޖަނަވާރު ކޮށްޓަކަށް ނުހެދޭނެ: ސަލީމް
29 ޖުލައި 2026 - 10:23

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ރިޔާސަތުގައި އިންނަވާހާ ހިނދަކު ރައްޔިތުންގެ މަޖިލިސް ޖަނަވާރު ކޮށްޓަކަށް ހެދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރުން ބިލުތަކަށް ބަހުސްކުރައްވާ ގޮތުންނާއި ރައްޔިތުންގެ މަޖިލީހުގައި މެންބަރުން އަމަލުތައް ބަހައްޓަވާ ގޮތުން އާންމުންގެ ފާޑުކިއުން އަބަދު ވެސް އަންނަ ކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް "ބަކަރި ކޮށި" ނުވަތަ "ޖަނަވާރު ކޮށި"ގެ ނަމުން އާންމުން އަބަދު ވެސް މުޚާތަބުކުރާ ކަމަށެވެ.

Ad by Hajj Corporation
"މިހާރު ވެސް ރައްޔިތުން އެބަ ބުނޭ މިއީ ބަކަރި ކޮށްޓެކޭ ނޫނީ ޖަނަވާރު ކޮށްޓެކޭ ވެސް، އެހެންވީމާ އެ ލެވެލްއަށް އަޅުގަނޑުމެން ނުދަމާ ހިނގާށޭ، ތަންކޮޅެއް ތަސައްރަފު ފުދޭ ބަޔަކަށް އަޅުގަނޑުމެން ވާން ހިނގާށޭ،" ސަލީމް މެންބަރުންގެ އަރިހުން އެދިވަޑައިގަތެވެ.
މިއަދުގެ ޖަލްސާގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސް ކުރެއްވުމަށް ފަހު އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވަނީ، ވެމްކޯގެ ތިލަފުށީ ސައިޓުގައި ރޯވުމުގެ ސަބަބުން އެނދި ކުނިތައް ހދ. ކުނބުރުދޫ ގެންދިއުމާ ދެކޮޅަށް ތަޅުމުގައި އަޑު އުފުލާފަ އެވެ.
ޒިޔާދު އަޑު އުފުލަމުން ގެންދަވަނިކޮށް އޭނާގެ ނަން އިއްވަވައި ތަޅުމުން އޭނާ ވަނީ ބޭރުކޮށްފަ އެވެ. ޒިޔާދު ތަޅުމުން ބޭރުކޮށްލެއްވުމަށް ފަހު ސަލީމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ އިޚްލާސްތެރިކަމާއި ކެތްތެރިކަމާ އެކީ މެންބަރުން މަސައްކަތްކުރައްވަން ޖެހޭ ތަނެއް ކަމަށެވެ.


