އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނާ މެދު އަމަލުކުރި ގޮތް ހަނދާން ނެތޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: ފަލާހް
28 ޖުލައި 2026 - 18:17

އެމްޑީޕީގެ ވެރިކަންތަކުގައި ދިވެހި ރައްޔިތުންނާއި، ވަކިން ހާއްސަކޮށް ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންގެ ތެރެއިން އެ ޕާޓީގެ ފިކުރާ އެއްބަސްނުވާ މީހުންނާ މެދު އަމަލުކުރި އިހާނެތި ގޮތްތައް ރައްޔިތުން ހަނދާން ނެތިދާނެ ކަމަށް ހީކުރުމަކީ އެމްޑީޕީއަށް ކުރެވޭ ވަރަށް ބޮޑު ކުށްހީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ފަލާހް ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޕޯޑިއަމްތަކުގައި ހުންނަވައިގެން، އެމްޑީޕީއަށް ތާއީދު ނުކުރާ މީހުންނަށް "ކުޅިދައްކާލާނެ" ކަމަށާއި ތަފާތުކުރުންތައް ގެންގުޅޭނެ ކަމަށް ފާޅުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ދުވަސްވަރު އެގޮތަށް އަމަލުކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
ފަލާހް އިތުރަށް ވިދާޅުވީ، ސަރުކާރުން މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ ގަރާރެއް ހުށަހެޅިއިރު، އެކަން ސާބިތުކޮށްދިނުމަށް އެއްވެސް މީހެއްގެ ނަމެއް ނުވަތަ މިސާލެއް ދެއްކިފައި ނުވާ ކަމަށެވެ.
"މިހާ މުހިންމު ގަރާރެއް ހުށަހެޅިއިރު، ވަކިކުރި މީހުންގެ ނަންތަކާއި ތަފްސީލު ހާމަކުރި ނަމަ ރައްޔިތުންގެ ޝައުގުވެރިކަން މިކަމަށް މާ ބޮޑަށް ލިބުނީސް،" ފަލާހް ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވަމުން ފަލާހް ވިދާޅުވީ، 2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުމުން އެއްވެސް އަގަކާ ނުލައި ރިސޯޓު ހަދަން ފަޅުރަށްތައް އެ ޕާޓީގެ އެކްޓިވިސްޓުންނަށް ބަހާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެ ރަށްރަށަށް ދަތުރުކޮށްލެވޭނެ ފަދަ ނެތް މީހުންނަށް ވެސް ރަށްތައް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ފަލާހް ވިދާޅުވީ، ދައުލަތުގެ ދަރަނި މިހާރު 160 އާއި 180 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އަދި ބަޖެޓު ޑެފިސިޓް ބޮޑުވެ، ގައުމަށް ދިމާވެފައިވާ މިފަދަ ދަތި ހާލަތްތަކުން ގައުމު ސަލާމަތް ކުރައްވާނީ ގައުމާއި ރައްޔިތުންދެކެ ލޯބިވާ ވެރިން ކަމަށާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަކީ އޭގެ ނަމޫނާއެއް ކަމަށް ފަލާހް ވިދާޅުވިއެވެ.


