ފިތުނަ އުފައްދަން ކިތަންމެ ވާހަކައެއް ދެއްކިޔަސް އިދިކޮޅަށް ރައްޔިތުންނެއް ނުހެއްލޭނެ: މުފީދު
28 އޮކްޓޯބަރު 2026 - 14:28

މުޖުތަމަޢުގައި ފިތުނަފަސާދަ އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ކިތަންމެ ވާހަކަތަކެއް ދެއްކި ނަމަވެސް، އެ ވާހަކަތަކަށް ހެއްލޭނެ ރައްޔިތުން މިހާރު މި ޤައުމުގައި ނެތް ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މުފީދު ވިދާޅުވީ، ޓެކްސް ދެއްކުމުގައި ޢަމަލުކުރެވޭ އުޞޫލަކީ ތަންފީޒުކުރެވޭނެ އުޞޫލަކަށް ވާންޖެހޭނެ ކަމަށާއި އެ ބިލަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ. އަދި މި ބަހުސްގައި އިދިކޮޅު މެންބަރުން ދައްކަވާ ވާހަކަތަކުން އެ ބޭފުޅުންގެ ޤައުމާ ދޭތެރޭ އެއްވެސް އިޚްލާޞްތެރިކަމެއް ނެތްކަން ހާމަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މަލްޓި-ޕާޓީ ޑިމޮކްރަސީ ތަޢާރަފްވި ފަހުން އިދިކޮޅު ފަރާތްތަކުން ވެރިކަމުގެ ދެ ދައުރު ފުރިހަމަކޮށްފައިވާކަން ފާހަގަކުރައްވައި މުފީދު ވިދާޅުވީ، އެ ބޭފުޅުންގެ ވެރިކަމުގައި ޤައުމު ވެއްޓުނު ދެރަ ހާލަތުން އެ ބޭފުޅުންނަށް ރެކިވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވަނީ އާސަންދައިގެ ދަރަނި ކަނޑައި، މަސްވެރިކަމުގެ ސިނާޢަތުގައި އޮތް ބިޔަ ބެކްލޮގް ސާފުކޮށް، ދަޢުލަތުގެ މާލީ ކަންކަން ހަރުދަނާކުރުމަށް ގެންނަންޖެހޭ މުހިންމު އިޞްލާޙީ މަސައްކަތްތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ފިތުނަ އުފައްދަން އިދިކޮޅުން މަސައްކަތްކުރި ނަމަވެސް، ރައްޔިތުން މިހާރު ތިބީ ހޭލާ ކަމަށާއި، ބިނާކުރަނިވި އެއްވެސް ކަމަކަށް އިދިކޮޅުން އެއްބާރުލުން ނުދޭ ކަމަށް މުފީދު ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުންވެސް ރަނގަޅުވާނީ މިފަދަ ހަރުދަނާ ސިޔާސަތުތަކަށް އެއްބާރުލުން ދީގެން ސަރުކާރާއެކު ކުރިއަށް ވަޑައިގަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
