މަޖިލީހުގެ ރައީސް އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްފި
28 އޮކްޓޯބަރު 2026 - 07:55

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަދި ކައުންސިލަރުންގެ މުސާރައާއި އެލަވަންސްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބަދަލު ގެނައުމަށް ފާސްކުރީ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށްފަހުގައެވެ. މާލިއްޔަތު ކޮމިޓީގެ ރިޕޯޓު ފާސްކުރުމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ ތެރެއިން 42 މެންބަރުން ވަނީ އެ ބިލާ އެއްކޮޅަށް ވޯޓު ދެއްވާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކޮށް މަޖިލީހުން ތާއީދުކުރި މި ނިންމުމުގެ ދަށުން، މަޖިލީހުގެ ރައީސް (އަބްދުއްރަހީމް އަބްދުﷲ) އަށް 22،000 ރުފިޔާގެ އިތުރު އެލަވަންސެއް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. މިއާއެކު މަޖިލީހުގެ ރައީސްގެ މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ލިބިވަޑައިގަންނަވާ މިންވަރަށް އުއްތަމަ ފަނޑިޔާރުގެ މުސާރަ ވެސް މިހާރު ވަނީ އެއްވަރުވެފައެވެ. އެގޮތުން މި ނިންމުމާއެކު، އުއްތަމަ ފަނޑިޔާރަށް މަހަކު ލިބިވަޑައިގަންނަވާ ޖުމުލަ އާމްދަނީ 95,125 ރުފިޔާއަށް އަރާނެއެވެ.
މީގެއިތުރުން ވަޒީރުންގެ ކާރު އެލަވަންސް 17،000 ރުފިޔާއަށް ބޮޑުކުރުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ބަދަލާއެކު، ވަޒީރެއްގެ މުސާރައާއި އެލަވަންސްތަކުގެ ޖުމުލަ 75،500 ރުފިޔާއަށް އަރާނެއެވެ.
މިއަދު ފާސްކުރި އިސްލާހުތަކުގެ ތެރޭގައި ލޯކަލް ކައުންސިލަރުންނަށް 5،000 ރުފިޔާގެ ސާވިސް އެލަވަންސެއް ދިނުންވެސް ހިމެނެއެވެ. މިއާއެކު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 25،500 ރުފިޔާއިން 30،500 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ. އަދި ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ 20،000 ރުފިޔާއިން 25،000 ރުފިޔާއަށް ބޮޑުވާއިރު، ކައުންސިލް މެންބަރުންގެ މުސާރަ 18،000 ރުފިޔާއަށްވުރެ މައްޗަށް ބޮޑުވެގެންދާނެއެވެ.

-01.jpg&w=3840&q=75)
