އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތައް އިތުރުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
27 އޮކްޓޯބަރު 2026 - 10:20

އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އިތުރުކޮށް، މަޖިލީހުގެ ރައީސްގެ މުސާރައާއި އިނާޔަތްތަކާ އެއްވަރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ހެނދުނު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން އުއްތަމަ ފަނޑިޔާރުގެ މުސާރަ މުރާޖައާކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ. މި ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާއީދުކުރެއްވިއިރު، ކޮމިޓީން އެ ހުށަހެޅުން ފާސްކުރީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
މެންބަރު މަމްދޫހު ވިދާޅުވީ މި ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައާއި އިނާޔަތްތަކާ އެއްވަރުގެ އަދަދެއް އުއްތަމަ ފަނޑިޔާރަށްވެސް ލިބިވަޑައިގަންނަވާނެ މަގު ފަހިކުރުން ކަމަށެވެ. އެގޮތުން އުއްތަމަ ފަނޑިޔާރަށް ޚާއްސަ އެލަވަންސެއްގެ ގޮތުގައި މަހަކު 4125 ރުފިޔާ ހަމަޖެއްސުމަށް ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައާއި އިނާޔަތް 95،125 ރުފިޔާއަށް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ދާދިފަހުން ވަނީ ފާސްކޮށްފައެވެ. ޝަރުޢީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ނިމިދިޔަ އަހަރު ގެނައި ބަދަލުތަކާއެކު އުއްތަމަ ފަނޑިޔާރުގެ މުސާރައަކީ މަހަކު 91،000 ރުފިޔާއެވެ. ނަމަވެސް މިއަދު ފާސްކުރި 4125 ރުފިޔާގެ އިތުރު އެލަވަންސާއެކު، އުއްތަމަ ފަނޑިޔާރުކަން ކުރައްވާ ބޭފުޅަކަށް ޖުމްލަ 95،125 ރުފިޔާ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާނެއެވެ.
މާލިއްޔަތު ކޮމިޓީން ވަނީ ދައުލަތުގެ އެހެން އިސް މަގާމުތަކުގެ މުސާރައާއި އިނާޔަތްތަކަށްވެސް މީގެކުރިން ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ވަޒީރުންގެ ޕެޓްރޯލް އެލަވަންސަށް 2000 ރުފިޔާ، ޑްރައިވަރުންގެ މުސާރައަށް 12،000 ރުފިޔާ އަދި ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3000 ރުފިޔާ ހަމަޖެއްސުން ހިމެނެއެވެ. މީގެއިތުރުން ކައުންސިލްތަކުގެ ރައީސުންނާއި، ނައިބު ރައީސުން އަދި ކައުންސިލަރުންނަށް އިތުރު އިނާޔަތެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށްވެސް އެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

-01.jpg&w=3840&q=75)
