ތިލަފުއްޓަށް ބަދަލު ކުރަނީ ޕޯޓްގެ 80 އިންސައްތަ އަނެއްބައި ކުރިޔަށް ދާނީ މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި: ރައީސް
30 ޖުލައި 2026 - 07:28

މާލޭ ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކުގެ 80 އިންސައްތަ ބަދަލު ކުރާނީ ތިލަފުއްޓަށް ކަމަށާއި ބާކީ ހިދުމަތްތައް ދެމުންދާނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ހުޅަނގު ދެކުނާއި ދިމާލުން ތިލަމާލެ ބުރިޖު ނިމޭ ހިސާބުގައި، އިންޑަސްޓްރިއަލް ސަރަހައްދުގައި ޕޯޓްގެ ބައެއް ހިދުމަތްތައް ދެމުންގެންދާނެ ކަމަށެވެ. އަދި ރޯރޯ ފެރީ މެދުވެރިކޮށް ކަނޑުމަގުން ވެސް މުދާ އުފާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ހުރިހާ މަސައްކަތެއް ނިންމާލައި އަންނަ އަހަރުގެ ނޮވެމްބަރު 11 އަށް ޕޯޓް ހުޅުވާލެވޭނެ ކަމަށެވެ.

Ad by Hajj Corporation
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިން ތިލަފުށީގައި ޕޯޓު ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ބައެއް މަސައްކަތްތައް އެމްޓީސީސީން ވެސް އަންނަނީ ކުރަމުންނެވެ. ރައީސް ވިދާޅުވީ އާ ޕޯޓާ އެކު އެ ސަރަހައްދު ވަރަށް ބޮޑުވާނެ ކަމަށެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ތިލަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން އަދި ސާވޭގެ މަސައްކަތް ވަނީ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ، ސީއެޗްއީސީ އާ ހަވާލުކޮށްފަ އެވެ. އެމްޕީއެލް އިން ބުނީ އެމަސައްކަތް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ.


