ގައުމީ ބޭންކްގެ ސާފު ފައިދާ 1.3 ބިލިޔަން ރުފިޔާ އަށް
30 ޖުލައި 2026 - 07:39

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސާފު ފައިދާ 1.3 ބިލިޔަން ރުފިޔާ އަށް އަރައިފި އެވެ.
އެ ބޭންކުން އާންމުކުރި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ހިސާބުތަކުން ދައްކާ ގޮތުން ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެކަނި ދެވަނަ ކުއާޓަރަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާގައި ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

Ad by Hajj Corporation
ވޭތުވެދިޔަ ހަ މަސް ދުވަހުގެ މުއްދަތުގައި ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި އިންޓްރެސްޓުން ހޯދޭ އާމްދަނީގެ ގޮތުގައި ލިބުނު 1.6 ބިލިއަން ރުފިޔާއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު 830 މިލިއަން ރުފިޔާ ހިމެނެ އެވެ. ބޭންކުގެ އާމްދަނީއާ އަޅައިބަލާއިރު ހިންގުމުގެ ހަރަދު ހުރީ 28 އިންސައްތައިގަ އެވެ.
ދެވަނަ ކުއާޓަރުގައި ބޭންކުގެ ބެލެންސް ޝީޓުން ދައްކާ ގޮތުން 30 ޖޫން 2026 އާ ހަމައަށް ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ ފައިސާގެ މިންވަރު 41.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، ބޭންކުން ވަނީ އެކި ދާއިރާތަކަކަށް މުޅިން އަލަށް ޖުމްލަ 8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ. މިއީ އިގްތިސާދީ ހަރަކާތްތަކާއި ޕްރައިވެޓް ސެކްޓާ ކުރިއެރުމަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
ބީއެމްއެލް އިން ބުނީ މި ކުއާޓާގެ ނަތީޖާ ދައްކާ ގޮތުން ބޭންކުން ހަރުދަނާ މާލީ ނަތީޖާއެއް ހާސިލުކޮށްފައިވާ ކަމަށެވެ. އަދި މިއީ ބޭންކުންވޭތުވެދިޔަ އަހަރުތަކުގައި ހޯދަމުން އައި ރެކޯޑު ކާމިޔާބީތަކާއި، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޯދި ކުރިއެރުން ދަމަހައްޓައި، ހޯދާފައިވާ ނަތީޖާއެއް ކަމަށް ވެސް އެ ބޭނުންކުން ބުނެ އެވެ.


