އެމް.އެމް.ޕީ.އާރު.ސީގެ ހިޔާނާތުގެ މައްސަލައިގައި އެމް.އެޗް.އާރު ކުންފުންޏަށް ދަޢުވާކުރަން ޕީޖީއަށް
30 ޖުލައި 2026 - 14:21

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރ.ސީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގެ މައްސަލައިގައި އެމް.އެޗް.އާރ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގގެ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމައިފިއެވެ.
އޭ.ސީ.ސީ އިން ބުނިގޮތުގައި މިމައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 29 ޖޫން 2026 ގައެވެ.

Ad by Hajj Corporation
އެ ކޮމިޝަނުން ބުނީ މި މައްސަލައިގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ފައިސާ، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން އެމް.އެޗް.އާރ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އެގޮތުން، 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި އެކިފަހަރު މަތިން އެސް.އޯ.އެފްގެ ޗެކުތަކެއް މެދުވެރިކޮށް ޖުމްލަ 325,000.00 ޑޮލަރު (ތިން ލައްކަ ފަންސަވީސް ހާސް އެމެރިލާ ޑޮލަރު) އެމް.އެޗް.އާރ އަދި އެ ކުންފުނީގެ ދަށުން ހިންގަމުން ގެންދާ "ތަރުކާރީ ފިހާރަ" ގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ވަނީ ހޯދިފަ ކަމަށެވެ. އަދި މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވީނަމަވެސް އެ ޗެކުތައް އެ ކުންފުންޏަށް ދިނީ ކޮން ފަރާތަކުންކަމާއި އަދި ޗެކުތަކަށް ދޭންޖެހޭ ދިވެހި ރުފިޔާ ދިން ގޮތެއްވެސް އެ ކުންފުންޏަށް ތަޙުޤީޤުގައި ސާބިތުކޮށްދެވިފައެއްނުވާ ކަމަށް ވެސް އޭސީސީ އިން ވަނީ ބުނެފައެވެ.
އަދި އެމް.އެމް.ޕީ.އާރ.ސީ ޚިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ އދ.ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމް.އެމް.ޕީ.އާރ.ސީއަށް ދެއްކި 50,000.00 ޑޮލަރު (ފަންސާސް ހާސް އެމެރިކާ ޑޮލަރު) އެމް.އެޗް.އާރގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެމް.އެމް.ޕީ.އާރ.ސީ ޚިޔާނާތުގައި އިސްކޮށް މަސައްކަތްކޮށްފައިވާ ފަރާތެއްކަމަށްވާ ޢަބްދުﷲ ޒިޔާތު މެދުވެރިކޮށްކަމާއި އެ ޗެކު އެމް.އެޗް.އާރގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާކަން ތަޙްޤީޤަށްވަނީ ހޯދިފައިވާ ކަމަށާއި އެމް.އެޗް.އާރގެ އެކައުންޓަށް އެސް.އޯ.އެފްގެ އެކައުންޓުގެ ޗެކުތައް ޖަމާކޮށްފައިވާއިރު، ޗެކުތަކަކާ ގުޅޭގޮތުން ޢަބްދުﷲ ޒިޔާތުއާއި އެމް.އެޗް.އާރ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ)އާ ދެމެދު މުޢާމަލާތްކޮށްފައިވާކަމާއި އެ މުޢާމަލާތްތަކުން އެމް.އެޗް.އާރގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެމް.އެޗް.އާރ ކުންފުނީގެ އެމްޑީއަށް ޝައްކުކުރެވޭނެ ހާލަތެއް އޮތްކަން ތަޙުޤީޤަށްވަނީ ހޯދިފައި ކަމަށް ވެސް އޭސީސީ އިން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުމުގެ ޤާނޫނު)ގެ 53 ވަނަ މާއްދާއާއި އެ ޤާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގެ ތެރެއިން އެސް.އޯ.އެފްގެ ޗެކުތައް މެދުވެރިކޮށް އެމް.އެޗް.އާރގެ އެކައުންޓަށް ޖަމާކޮށްފައިވާ 325,000.00 ޑޮލަރު (ތިން ލައްކަ ފަންސަވީސް ހާސް އެމެރިކާ ޑޮލަރު) ޑޮލަރަށްވާ 5,011,500.00ރ (ފަސް މިލިއަން އެގާރަ ހާސް ފަސް ސަތޭކަ ރުފިޔާ) އާއި އދ.ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމް.އެމް.ޕީ.އާރ.ސީއަށް ދެއްކި 50,000.00 ޑޮލަރު (ފަންސާސް ހާސް އެމެރިކާ ޑޮލަރު) އެމް.އެޗް.އާރއަށް ޖަމާކޮށް އެ ފައިސާ އިންވެސްޓްކޮށްގެން ފައިދާގެ ގޮތުގައި ހޯދާފައިވާ ފައިސާ އަނބުރާ ހޯދުމަށް އެމް.އެމް.ޕީ.އާރ.ސީއަށް ފޮނުވަން ވެސް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.


