ހުތުބާ: ދިރުންހުރި ކޮންމެ އެއްޗަކަށް މަރު އަންނާނެ! ޢަމަލުތަކުގެ އަޖުރު ލިބޭނެ ދުވަހަކީ ޤިޔާމަތްދުވަސް!
31 ޖުލައި 2026 - 07:34
.jpeg&w=1920&q=75)
ދިރުންހުރި ކޮންމެ އެއްޗަކަށް މަރު އަންނާނޭ ފަދައިން އަހަރެމެން ކުރެ ކޮންމެ މީހަކީ، މަރުގެ ރަހަ ދެކޭނޭ މީހެއްކަން އަބަދުވެސް ހަނދުމަކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ހުކުރު ހުތުބާގެ މިއަދުގެ މައުޟޫއުއަކީ ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެއެވެ.

Ad by Hajj Corporation
ހުތުބާގައި ވަނީ ޤިޔާމަތްވެ ، ދުނިޔޭގެ ނިމުން އަންނަ ދުވަހު މީސްތަކުންގެ ޙާލު ހުންނާނޭ ގޮތް ހަނދާނަށް ގެނައުމަށް ނަސޭހަތްތެރިވެފައެވެ. އަދި އެދުވަހުގެ ބިރުވެރިކަމަކާ ކުރިމަތިވާ ހިނދު، ކޮންމެ މީހަކު ވެސް އެހީއަށް އެދޭނީ، އެ މީހަކާ އެންމެ ގާތް މީހެއްގެ ކިބައިން ކަމަށާއި ނަމަވެސް މަޙުޝަރުބިމަށް މީސްތަކުން އެއްކުރެއްވޭ ދުވަހު، އެކަކު ވެސް އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނީ މި ފަދަ ބިރުވެރި ދުވަހުގައި ވެސް މީސްތަކުން ދެބައަކަށް ބެހިގެންވާ ކަމަށެވެ. އެއްބައަކީ ހިތްހަމަޖެހުމާއި އުފާވެރިކަމުގައި އެ ދުވަސް ހޭދަކުރާނޭ މީހުން ކަމަށާއި އަނެއްބައަކީ ބިރުވެރިކަމާއި ހިތާމައިގައި އެ ދުވަސް ހޭދަކުރާނޭ މީހުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ދުނިޔޭގައި މާތް ﷲއާއި އެ ކަލާނގެ ރަސޫލުންނަށް އުރެދުނު މީހުން ޤިޔާމަތްދުވަހު ވޭންދެނިވި ޢަޒާބާ ކުރިމަތިލާނެ. އެ ހިނދު އެ މީހުން ފިދާއެއް ދީގެން ވިއަސް، އެ ޢަޒާބުން މިންޖުވާން އެދޭނެ: ހުތުބާ
ހުތުބާގައި ބުނީ ގިޔާމަތް ދުވަހުން އިންސާނާ ކޮށްފައިވާ ޢަމަލުތަކާ މެދު ސުވާލުކުރެވޭނެ ކަމަށާއި އެ ހިނދު އޭނާ، އޭނާގެ ކުށްތައް ވަންހަނާކުރާން މަސައްކަތްކުރާނެ ކަމަށެވެ. ދޮގުހަދާން އުޅޭނެ ކަމަށެވެ. ނަމަވެސް އެ ދުވަހު އޭނާގެ އަނގަ ބަންދުކުރެވޭނެ ކަމަށާއި އޭގެ ބަދަލުގައި އޭނާގެ ގުނަވަންތައް އޭނާ ކުޅަ ޢަމަލުތަކަށް ހެކިދޭނެ ކަމަށެވެ.
އެ ދުވަހުން އިންސާނާ ކުޅަ އެއްވެސް ޢަމަލެއް ވަންހަނާއެއް ނުކުރެވޭނެ. އޭނާ ކުޅަހައި ޢަމަލެއް ހިމެނިފައިވާ ފަތް، އޭނާ ކިޔައި ބެލުމަށް ޓަކައި ހާމަކުރެވޭނެ. އޭނާ އެ ފަތް ކިޔައި، އަމިއްލަ ނަފުސު ހިސާބުކުރުމަށް އެންގޭނެ: ހުތުބާ
ގިޔާމަތް ދުވަހަށް ތައްޔާރުވެފައިވާ މީހާ މާތް ﷲއާއި އެ ކަލާނގެ ރަސޫލާއަކަށް ނުއުރެދޭނެކަން ފާހަގަކޮށް ހުތުބާގައި ވަނީ ދިރުންހުރި ކޮންމެ އެއްޗަކަށް މަރު އަންނާނޭ ފަދައިން އަހަރެމެން ކުރެ ކޮންމެ މީހަކީ، މަރުގެ ރަހަ ދެކޭނޭ މީހެއްކަން ހަނދުމަކުރުމަށް ނަސޭހަތްތރިވެފައެވެ.
ތިޔަބައިމީހުން ޝައިޠާނާގެ ކެހިވެރި ދަޅަތަކަށް ނުހެއްލޭށެވެ. ހެއު ޢަމަލުކުރުމަށް މި އަދު ހީވާގިވާށެވެ. ޢަމަލުތަކުގެ އަޖުރު ފުރިހަމައަށް ލިބޭނޭ ދުވަހަކީ ޤިޔާމަތްދުވަހެވެ. ނަޞީބުވެރިއަކީ، އެ ދުވަހުން ނަރަކައިން މިންޖުވެ، ސުވަރުގެ ލިބުނު މީހާ: ހުތުބާ


