ތިލަފުށްޓަށް ޕޯޓް ބަދަލު ކުރުމުން ވިޔަފާރިޔަކަށް ލިބޭ ލުއިފަސޭހައާ ބެހޭ ގޮތުން މަޝްވަރާ ކޮށްފި
4 އޯގަސްޓު 2026 - 04:38

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން ވިޔަފާރިވެރިންނަށް ލިބިގެންދާނެ ލުއިފަސޭހަ ގޮތްތަކާ ބެހޭ ގޮތުން ވިޔަފާރިވެރިންނާ މޯލްޑިވްސް ޕޯޓްސް ލިމިޓަޑް، އެމްޕީއެލް އިން މަޝްވަރާ ކޮށްފި އެވެ.
މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައި ވަނީ މީރުމާގަ އެވެ. މި ބައްދަލުވުމުގައި އެމްޕީއެލްގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ ވިޔަފާރިވެރިން ވަނީ ބައިވެރިވެފަ އެވެ. އެމްޕީއެލް އިން އަންނަނީ މިފަދަ ސިލްސިލާ ބައްދަލުވުންތައް ކަމާ ގުޅޭ އެކި ދާއިރާތަކަށް އަމާޒުކޮށްގެން ބާއްވަމުންނެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިބަނދަރުގެ ހުރިހާ މަސައްކަތެއް ނިންމާލައި އަންނަ އަހަރުގެ ނޮވެމްބަރު 11 އަށް ހުޅުވާލާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އެމްޕީއެލް އިން ބުނީ ވިޔާފާރިވެރިންނަށް މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ ބޭނުމަކީ ތިލަފުއްޓަށް ޕޯޓްބަދަލުވުމުން އަންނާނެ ބަދަލުތަކާއި ވިޔަފާރިތައް ޕޯޓްގައި ހަރަކާތެރިވާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާކޮށް މައުލޫމާތު ދިނުން ކަމަށެވެ. އަދި ތިލަފުށީގައި ޕޯޓްގެ ހަރަކާތްތައް ކުރިޔަށް ދާއިރު ވިޔަފާރިވެރިންނަށް ކަންކަން ފަސޭހައިން ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވަނީ މައުލޫމާތުދީފަ އެވެ.
މިބައްދަލުވުމާ ބެގޭ ގޮތުން އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ ވިޔަފާރި ބަނދަރުގައި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރާއި، އަތޮޅުތެރެ އާއި ރިސޯޓްތަކަށް ހިދުމަތްދޭ ބަނދަރާއި، ވިޔަފާރީގެ ގުދަން ކުރުމާއި، ގަނެވިއްކާ ސަރަހައްދުތައް ވެސް ހިމެނޭނެ ކަމަށެވެ. އަދި މި ބަނދަރު ކުރިޔަށް ދާނީ ވަށާޖެހޭ ނިޒާމަކުން ކަމަށް ވެސް ސައީދު ސިފަ ކުރެއްވެވި އެވެ.
ސައީދު ވިދާޅުވީ މި މަޝްރޫއު އަކީ ކުރީ ސަރުކާރުތަކުން ކުރާނެ ކަމަށް ބުނެ ނުފެށި ލަސްވެފައިވާ އިގްތިސޯދީ މުހިމު މަޝްރުއޫއެއް ކަމަށެވެ. އަދި މި މަޝްރޫއު ނިމުމުން ރާއްޖޭގެ އިގްތިސޯދު އެހެން ހަރުފަތަކަށްދާނެ ކަމަށް ވެސް ސައީދު ސިފަ ކުރެއްވެވި އެވެ.
އެމްޕީއެލް އިން ތިލަފުށީގައި ޕޯޓު ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ބައެއް މަސައްކަތްތައް އެމްޓީސީސީން ވެސް އަންނަނީ ކުރަމުންނެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ތިލަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން އަދި ސާވޭގެ މަސައްކަތް ވަނީ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ، ސީއެޗްއީސީ އާ ހަވާލުކޮށްފަ އެވެ. އެމްޕީއެލް އިން ބުނީ އެމަސައްކަތް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ.


