އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑަކީ ރައީސް މުއިއްޒުއާ އެއްވެސް ގުޅުމެއް އޮތް ކުންފުންޏެއް ނޫން: މުޖޭ
5 އޯގަސްޓު 2026 - 13:30

އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެއްވެސް ވަރަކަށް ގުޅުމެއް އޮތް ކުންފުންޏެއް ނޫން ކަމަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލު (މުޖޭ) ވިދާޅުވެއްޖެއެވެ.
މިހާރުގެ ރައީސް އަދި މާލެ ސިޓީގެ ކުރީގެ މޭޔަރު ޑރ. މުއިއްޒުގެ މޭޔަރުކަމުގައި އެ ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި 9 މިލިޔަނަށްވުރެ ގިނަ ރުފިޔާ، އެމަނިކުފާނުގެ ގާތްބޭފުޅެއްގެ މަސްލަހަތު އޮތް ކުންފުންޏަކަށް ނަހަމަގޮތުގައި ދީފައިވާކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން ކުރާ ތުހުމަތުތައް މިހާރު ވެމްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރަށްވަމުން ގެންދަވާ މުޖުތަބާ ވަނީ ދޮގުކުރައްވާފައެވެ.

Ad by Hajj Corporation
"އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އާ އެއްވެސް ވަރަކަށް ގުޅުމެއް އޮތް ކުންފުންޏެއް ނޫން ކަން އަޅުގަނޑު ކަށަވަރު ކޮށްދެން،" އެކަން ދޮގުކުރަށްވައި މުޖުތަބާ ވިދާޅުވެފަވެއެވެ.
އަދި ރައީސް ޑރ. މުއިއްޒުގެ މޭޔަރުކަމުގެ ދައުރުގައި އެމަނިކުފާނަކީ ކައުންސިލުން ކުރިއަށް ގެންދަން ނިންމާ ޕްރޮޖެކްޓްތަކުގެ ޕްރޮކިއުމަންޓް މަރުހަލާގެ ތެރެއަށް އެއްވެސް ވަރަކަށް ވަދެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުޖުތަބާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލެ ސިޓީ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއަކީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގެ މައިގަނޑު އެއް ސްޓްރެޓެޖީއެވެ. އަދި އެއީ ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ކައުންސިލް ފްލޯއިން ނިންމައި، ޕްރޮކިއުމަންޓް އުސޫލުގެ ތެރެއިން އިިއުލާން ކުރެވިގެން މަސައްކަތް ކުރާނެ ފަރާތެއް ކަނޑައެޅުނު ޕްރޮޖެކްޓެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުޖުތަބާ ޖަލީލަކީ 2021 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު 2023 ގެ ނިޔަލަށް މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ މި މައުލޫމާތު ހާމަކުރެއްވީ ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެފައިވެއެވެ.


