ޖަވާބުދާރީވުމަކީ ހަމައެކަނި ހިންގުމުގެ މަސްއޫލިއްޔަތެއް ނޫން، އެއީ ކުރިއެރުމުގެ އިންޖީނު: ރައީސް
5 އޯގަސްޓު 2026 - 07:20

ޖަވާބުދާރީވުމަކީ ހަމައެކަނި ހިންގުމުގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި އެއީ ޤައުމީ އިސްތިރާޖީ މުދަލެއްގެ އިތުރުން އެއީ ކުރިއެރުމުގެ އިންޖީނުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
ޙަޤީޤީ ވިލުންތެރިކަމުގެ ބިންގަލަކީ ހަރުދަނާ މުއައްސަސާތައް ކަމަށާއި، ވިލުންތެރިކަން އިތުރުކޮށްދެނީ ޒިންމާދާރުކަމާއެކު މާލީ ކަންކަން ބެލެހެއްޓުމުންނާއި ދެފުށްފެންނަ އުސޫލުތަކުންކަމަށާއި، ވިލުންތެރިކަން ދެމެހެއްޓެނީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިއީ، ދައުލަތްތަކުގެ އުއްތަމަ އޮޑިޓް މުއައްސަސާތަކުގެ ދައުރު އިންތިހާއަށް މުހިންމުވެފައިވާ ދަނޑިވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުން ދައުލަތުގެ މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީވެސް އަދި ތަރައްޤީގެ ބައިވެރިން ދޭ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޖަވާބުދާރީވުމަކީ ހަމައެކަނި ހިންގުމުގެ މަސްއޫލިއްޔަތެއް ނޫންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އެއީ ޤައުމީ އިސްތިރާޖީ މުދަލެއްކަމަށާއި އަދި އެއީ ކުރިއެރުމުގެ އިންޖީނުކަމުގައި ވިދާޅުވެފައެވެ.
ސިޑްސް ނުވަތަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ލާސާނީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ސިޑްސްގެ ގިނަ ޤައުމުތަކަކީ، ދަރަނި މެނޭޖުކުރަމުން މުސްތަގުބަލުގައި ވުނަ ކުރާ ޤައުމުތަކެއް ކަމަށާއި، ދުރު ރާސްތާގެ ހަމަޖެހުމަށް ވިސްނައިގެން ތިބެ ކުއްލި ޙާލަތްތަކާ ކުރިމަތިލާ ޤައުމުތަކެއް ކަމަށާއި، އިގުތިސާދީ ކުރިއެރުން ދަމަހައްޓަމުން ނާޒުކު މުޖުތަމަޢުތައް ހިމާޔަތްކުރަމުންދާ ޤައުމުތަކެއްކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ބައިނަލްއަޤުވާމީ ނުތަނަވަސްކަމާއި، ބޭރުގެ ފިއްތުންތަކާ އެކުގައިވެސް، ޤައުމުގެ މުސްތަގުބަލަށް ވުނަކުރަމުން، ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރަމުންގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގަވަރނަންސް ނުވަތަ ހިންގުމުގެ ނިޒާމުގެ މުސްތަގުބަލުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ޖޯގުރަފީ ގޮތުންނާއި، ދުރުމިނުގެ ގޮތުންނާއި، ޤާބިލުކަން ނެތުމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިލާންޖެހޭ ގިނަ މައްސަލަތަކެއްގެ ޙައްލު، ޑިޖިޓަލް ޓްރާންސްފޯމޭޝަނަކުން ލިބިދާނޭކަމަށް ވިދާޅުވެފައެވެ. އެގޮތުން، މޯލްޑިވްސް 2.0 މެދުވެރިކޮށް ޒަމާނީ، އަދި ރައްޔިތުންނަށް ލުއިފަސޭހަ، ޑިޖިޓަލް ދައުލަތެއް ބިނާކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފަންނިއްޔާތަކީ ހަމައެކަނި އީޖާދީ އެޖެންޑާއެއް ނޫންކަމަށާއި، އެއީ ހިންގުން، ތަރައްޤީ އަދި ވިލުންތެރިކަމަށް ކުދި ޖަޒީރާތަކަށް ބޭނުންކުރެވިދާނޭ ވަސީލަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލް އޮފީހުގެ 2026- 2029 ގެ ސްޓްރެޓީޖިކް ޕްލޭން ވެސް އިފުތިތާހުކޮށްދެއްވާފައެވެ.
ދެމެހެއްޓެނިވި އުސޫލުތަކަށް އިސްކަންދޭ ރަށެއްގެ ގޮތުގައި ނަން މަޝްހޫރު، އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ކުރިއަށްދިޔަ މި ސިމްޕޯޒިއަމްގައި، ކުދި ޖަޒީރާ ޤައުމުތައް ތަމްސީލުކުރާ އުއްތަމަ އޮޑިޓް މުއައްސަސާތަކުން ބައިވެރިވެ، ޢިލްމު ހިއްސާކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ޤައުމުތަކުގެ ޤާބިލިއްޔަތު އިތުރުކުރެވޭނޭ ގޮތްތަކާ މެދު މަޝްވަރާކުރައްވާފައިވެއެވެ.


