އީޔޫއާއި ބެލްޖިއަމްގެ ސަފީރަކަށް ދިޔާނާ ޢައްޔަންކޮށްފި
3 އޯގަސްޓު 2026 - 09:45

ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ޢައްޔަންކުރައްވައިފިއެވެ.
އަލްއުސްތާޛާ ފާޠިމަތު ދިޔާނާއަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ވިލާތުގެ އިއްތިހާދު، އީޔޫ އާއި ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް އައްލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފައިވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
ދިޔާނާ މީގެ ކުރިން ސަރުކާރާއި ދައުލަތުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައިވެސް މަތީ މަޤާމުތަކެއް ފުރުއްވާފައިވެއެވެ. އެގޮތުން ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯރޕަރޭޝަން، ސާކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި ޖެންޑަރ، ފެމިލީ އެންޑް ހިއުމަންރައިޓްސް މިނިސްޓަރުކަމުގެ މަޤާމާއި، ދައުލަތުގެ ބަންޑާރަނައިބު ކަމުގެ މަޤާމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ވަނީ ކުރައްވާފައެވެ.

Ad by Hajj Corporation


