logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވްސް 2.0 މަޝްރޫޢުގެ ބޭނުމަކީ ކޮރަޕްޝަންގެ ވަބާ ނައްތާލައި އެފިޝަންޓް ޕަބްލިކް ސަރވިސްއެއް ދިނުން: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
2 އޯގަސްޓު 2026 - 18:15
މޯލްޑިވްސް 2.0 މަޝްރޫޢުގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލައި އެފިޝަންޓް ޕަބްލިކް ސަރވިސްއެއް ދިނުން: ރައީސް

ސަރުކާރުން ކުރިއަށްގެންދާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަންގެ ވަބާ ނައްތާލައި، ރައްޔިތުންނަށް ދެފުށް ފެންނަ އަދި ހަލުވި ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ޑިޖިޓަލައިޒް ކުރެވިގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ހަދަންޖެހޭ ޤާނޫނުތައް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. މި ޤާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، ސަރުކާރުގެ ޙިއްޞާ އޮންނަ ކުންފުނިތަކާއި ބޭންކުތައްވެސް މި ނިޒާމުގައި ބައިވެރިވުން މަޖުބޫރުވާނެއެވެ. 

''އެއްވެސް ފަރާތަކަށް މިއިން އޮޕްޓްއައުޓް ނުވެވޭނެ އިނގޭތޯ. ދައުލަތުގެ ހުރިހާ މުއައްސަސާއެއް، ސަރުކާރުގެ ޙިއްޞާއެއް އޮންނަ ކޮންމެ ތަނެއް، ޕަބްލިކް ހުރިހާ އިންސްޓިޓިއުޝަންސްތަކެއް މީގައި ބައިވެރިވާން ޖެހޭނެ. މީގައި ބައިވެރިވާނެ ބޭންކްތަކާ، މި ހުރިހާ ތަނެއްވެސް އިނގޭތޯ. އެހެންވީމާ، މިއިން އިސްތިސްނާވެގެން، ދުރުގައި ނުތިބެވޭނެ އެއްވެސް ފަރާތަކަށް. ހުރިހާ އެންމެން ބައިވެރިވެގެން ޑިޖިޓަލައިޒޭޝަންގެ މި ޕްރޮގްރާމް ކުރިއަށްދާނީ.'' ރައީސް ވިދާޅުވެފަވެއެވެ.

މި މަޝްރޫޢުގެ ދަށުން އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ޞިއްޙީ ދާއިރާ ޑިޖިޓަލައިޒްވުމެވެ. ރައީސް ވިދާޅުވި ގޮތުގައި ޑިޖިޓަލް ހެލްތު ސަރވިސްގެ ތެރެއިން ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މިހާރު ބޭނުންކުރާ ފިޒިކަލް އައިޑީ ކާޑުގެ ބަދަލުގައި ފިންގަރ ޕްރިންޓާއި ޗިޕް ހިމެނޭ "ޑިޖިޓަލައިޒްޑް ސްމާޓް އައިޑީ ކާޑު" ތަޢާރުފްކުރެވޭނެއެވެ. މި ކާޑު މެދުވެރިކޮށް ފައިސާ ދެއްކުމާއި، އަމިއްލަ ރެކޯޑްތައް ބެލެހެއްޓުން ފަދަ ގިނަ ޚިދުމަތްތަކެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އޮފީސްތަކުގައި ހުރި ގިނަދުވަސްވީ ލިޔެކިޔުންތަކާއި ކުރެހުންތައް ޑިޖިޓަލް އާކައިވްއަކަށް ބަދަލުކުރުމަކީވެސް މި މަޝްރޫޢުގެ މުހިންމު ބައެކެވެ. މީގެ ސަބަބުން މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލު ފަސޭހަވެ، ޚިދުމަތް ހޯދާ ރައްޔިތުންނަށް އަވަސް ޚިދުމަތެއް ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ކައުންސިލްތަކުގައި ހުންނަ ކުރެހުންތައް ފަދަ ތަކެތި ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަށް މި ނިޒާމުގެ ސަބަބުން ޙައްލު ލިބިގެންދާނެއެވެ.

''ބޭނުމަކީ، މުޅި މުޖުތަމަޢުން ކޮރަޕްޝަންގެ ވަބާ ނައްތައިލުން އެއްކަމަކަށް. އެފިޝަންޓް ޕަބްލިކް ސަރވިސްއެއް، އެފިޝަންޓް ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ޑެލިވަރ ކޮށްދިނުން. ދެ ފުށް ފެންނަ ނިޒާމެއް ޤާއިމުކުރުން. އެހެންވީމާ، މިކަންކަން ހާސިލުކުރުމުގައި އެންމެން ބައިވެރިވާންޖެހޭ. ހަމައެއާއެކީގައި، ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލު ފަސޭހަކޮށްދިނުން. އެހެންވީމާ، މި ހުރިހާ ކަމެއް ހާސިލުކުރުމުގައި މިކަން ކުރިއަށް މިގެންދަނީ. ވަރަށް އެމްބިޝަސް ޓާގެޓެއް ކަނޑައަޅައިގެން މަސައްކަތް މި ކުރަނީ. އިރާދަކުރެއްވިއްޔާ، ނަތީޖާ ނެރެވޭނެކަމުގެ ޔަޤީންކަން އެބައޮތް.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މި މަޝްރޫޢަކީ ވަރަށް ބޮޑު އަމާޒެއް (އެމްބިޝަސް ޓާގެޓެއް) ކަމަށާއި، 2028 ވަނަ އަހަރުގެ ޖުލައި 26 އާ ހަމައަށްދާއިރު މި ނިޒާމު ފުރިހަމައަށް ތަންފީޒު ކުރެވެމުންދާނެ ކަމަށެވެ. ނިޒާމު އޮޓޮމޭޓްވުމުން ކޮރަޕްޝަން ހިންގަން އޮންނަ ފުރުޞަތުތައް ގެއްލިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޅުގަނޑު ދެއްކީ ޒުވާނުންނަށް ޙަޤީޤީ މާނައިގައި މިނިވަންކަން އިޙްސާސްކޮށްދިނުމުގެ ވާހަކަ: ރައީސްޚަބަރު | ގަޑިއިރެއް ކުރިންމޯލްޑިވްސް 2.0 މަޝްރޫޢުގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލައި އެފިޝަންޓް ޕަބްލިކް ސަރވިސްއެއް ދިނުން: ރައީސްޚަބަރު | ގަޑިއިރެއް ކުރިން"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އަކީ ވަން ސްޓޮޕް އޮފީހެއް: ރައީސްޚަބަރު | ދުވަހެއް ކުރިންޤައުމަށް ވަފާތެރި، އަޚްލާޤު ރަނގަޅު ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު ޢަޒުމް: ރައީސްޚަބަރު | ދުވަހެއް ކުރިން