"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އަކީ ވަން ސްޓޮޕް އޮފީހެއް: ރައީސް
1 އޯގަސްޓު 2026 - 18:50

އަލަށް އުފެއްދި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އަކީ މާލެ ސަރަޙައްދުގެ ދަތުރުފަތުރާއި ޓްރެފިކްގެ މައްސަލަތައް ހައްލުކުރުމަށް އުފެއްދި "ވަން ސްޓޮޕް" އޮފީހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި އޮފީހަކީ ދައުލަތުގެ އެހެން މުއައްސަސާތައް ބައިޕާސްކޮށްގެން ހިންގާނެ ތަނެއް ނޫން ކަމަށާއި، މިއީ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކެއް ބައިވެރިކޮށްގެން މަސައްކަތް ކުރާނެ ތަނެއް ކަމަށެވެ. އަދި މި އޮފީސް އުފެއްދުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވި ގޮތުގައި މި އޮފީހަށް ބޭނުންވާ މުވައްޒަފުންގެ ބޮޑު އިންސައްތައަކީ (ސުޕަރ މެޖޯރިޓީ) މިހާރުވެސް ދައުލަތުގެ އެކިއެކި ވަޒީފާތަކުގައި ތިބި މުވައްޒަފުންނެވެ. އެހެންކަމުން މިއީ އިތުރު ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ނޫން ކަމަށާއި، މިއީ ހުރި ރިސޯސްތައް ރީ-އެރޭންޖްކޮށް، މަސައްކަތަށް ފޯކަސްޑް ބާރުތަކެއް ދިނުމަށް ނިންމި ނިންމުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއީ ވަން ސްޓޮޕް ސަރވިސް ސޮލިއުޝަންއެއް. މާލެ ސަރަޙައްދުގެ ޓްރެފިކާ ގުޅޭގޮތުން ތަންފީޒީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމަކަށް މި އޮފީހަށް ފުރިހަމަ ބާރު އޮންނާނެ،" ރައީސް ވިދާޅުވިއެވެ.
މި އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި މަގުތަކުގައި ޕާކުކުރާނެ ގޮތްތައް ކަނޑައެޅުމާއި، ޓްރެފިކް މެނޭޖްކުރުމާއި، އަދި އަލަށް އުފައްދާ ޕާކިންގ ބިލްޑިންގތަކުގެ މަސައްކަތްތައް ބެލެހެއްޓުން ހިމެނެއެވެ. މާލޭގެ ބައެއް ބިންތައް މިހާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ހަމަޖައްސައިދީފައިވާ ކަމަށާއި، ވަރަށް އަވަހަށް މާލޭގައި ދެ ޕާކިންގ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.
މި އޮފީހަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މި މަސައްކަތުގައި ޓްރެފިކް ޕޮލިހާއި އެހެނިހެން ކަމާބެހޭ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ އެއްބާރުލުމާއެކު މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.


