ލަފާ އަރުވާ ޤައުމީ މަޖިލީހުގައި 100 އަށްވުރެ ގިނަ ޢިލްމީ ފަންނީ ތަޖުރިބާކާރުން
1 އޯގަސްޓު 2026 - 18:31

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލަފާ އެރުވުމަށްޓަކައި އެކުލަވައިލާ "ލަފާދޭ ގައުމީ މަޖިލިސް" އެކުލަވައިލާނީ 100 އަށް ވުރެ ގިނަ ޢިލްމީ އަދި ފަންނީ ތަޖުރިބާކާރުންނާ އެކު ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސަށް ލަފާއަރުވަން ޚާއްސަ މަޝްވަރާ މަޖިލީހަކާއި ލަފާދޭ ގައުމީ މަޖިލީހެއް އެކުލަވައިލަން ނިންމާފައިވާކަން ރައީސް އިޢުލާނު ކުރެއްވީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ. ދަ

Ad by Hajj Corporation
ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިފަދަ މަޖިލީހެއް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ދައުލަތް ހިންގުމުގައި ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، ރާއްޖޭގައި ތިއްބެވި ޚިދުމަތްތެރި އިސްރަށްވެހިންނާއި ފަންނީ މާހިރުންގެ ތަޖުރިބާގެ ބޭނުން ހިފުން ކަމަށެވެ.
ރައީސް މުޢިއްޒު ހާމަކުރެއްވި ގޮތުގައި، އުފެއްދުމަށް ހަމަޖެހިފައިވަނީ ދެ މަޖިލީހެކެވެ. އޭގެ ތެރެއިން ފުރަތަމަ މަޖިލީހަކީ ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ، ގިނަ ދުވަސްތަކެއް ވަންދެން ޤައުމަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން ހިމެނޭ ކުޑަ މަޝްވަރާ މަޖިލީހެކެވެ. ދެވަނަ މަޖިލީހަކީ 100 އާއި 150 އާ ދެމެދުގެ އަދަދަކަށް މެންބަރުން ހިމެނޭ "ލަފާދޭ ގައުމީ މަޖިލިސް" އެވެ. މި މަޖިލީހުގައި ސިއްހީ، ތަޢުލީމީ، އަދި އިގްތިސާދީ ފަދަ އެކި ދާއިރާތަކުން އެންމެ ފުންނާބު އުސް، ތަޢުލީމީ އަދި ތަޖުރިބާކާރު ބޭފުޅުން ހިމެނޭނެއެވެ.
"އަޅުގަނޑު ގަބޫލުކުރާ ހަމައަކީ، އަބަދުވެސް ވީހާވެސް ގިނަ ރައްޔިތުންނާ ގާތުން މަސައްކަތްކުރުން. ވީހާވެސް ގިނަ ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތްކުރުން،" ރައީސް ވިދާޅުވިއެވެ.
މި މަޖިލީސްތަކުގެ މެންބަރުންނަށް ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާ ދިނުމާއި، އަމިއްލަ އިސްނެގުމަށް ކަންކަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކަށްވެސް މި މަޖިލީހުގެ ލަފާ ހޯދޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، 65 އަހަރުވުމުން ރިޓަޔަރ ކުރަންޖެހޭ އުސޫލަށް ހައްލެއް ގެނައުމުގެ ގޮތުން ތައާރަފްކުރި "ރީއެމްޕްލޮއިމެންޓް" ގާނޫނުގެ ދަށުން، 75 އަހަރާ ހަމައަށް ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު މިހާރު ފަހިވެފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ދެ މަޖިލިސް އުފެއްދުމަށް ބޭނުންވާ އިދާރީ އަދި އިޖުރާއީ މަސައްކަތްތައް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމާލައި، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި މި މަޖިލިސްތައް އަމަލީގޮތުން އުފެއްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


