ކިއްލި ގޮށްޓެއް ހިފައިގެން ބާސެލޯނާއިން ރޮޑްރީގެ ސޮއި ހޯދަން ކުރި ފުރަތަމަ ބިޑު ބޭރުކޮށްލައިފި
8 އޯގަސްޓު 2026 - 10:37

މެންޗެސްޓަރ ސިޓީގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ސްޕެއިންގެ ރޮޑްރީ ހޯދުމަށް ބާސެލޯނާއިން ހުށަހެޅި 38.5 މިލިއަން ޕައުންޑް (45 މިލިއަން ޔޫރޯ) ގެ ބިޑް އެ ކްލަބުން ބޭރުކޮށްލައިފިއެވެ. ރިޕޯޓްތައް ބުނާގޮތުން ސިޓީން ބޭނުންވަނީ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން ޓީމުގެ ކެޕްޓަން ދޫކޮށްލުމަށް މަދުވެގެން 60 މިލިއަން ޕައުންޑެވެ.
ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ ފަހު އަހަރުގައި ހުރި އުމުރުން 30 އަހަރުގެ ރޮޑްރީ، ރެއާލް މެޑްރިޑާއެކު ކުރި މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ބާސެލޯނާއަށް ބަދަލުވާށެވެ. ޕެޕް ގާޑިއޯލާ ސިޓީ ދޫކޮށްލުމާ ގުޅިގެން ރޮޑްރީ ވަނީ އަނބުރާ ގައުމަށް ދާން ބޭނުންވާކަމުގެ އިޝާރާތެއް ދީ، ބާސެލޯނާއާއެކު އަމިއްލަ ޝަރުތުތަކަށް އެއްބަސްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

Ad by Hajj Corporation
2019 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑުން ސިޓީއަށް ބަދަލުވި ރޮޑްރީ ވަނީ އެ ކްލަބުން ހުށަހެޅި ބޮޑު މުސާރައެއް ލިބޭ ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ދޫކޮށްލާފައެވެ. ނަމަވެސް ސިޓީން ދެކޭގޮތުގައި އެ ކްލަބުން ކަނޑައަޅާފައިވާ އަގަށްވުރެ ކުޑަ އަގަކަށް އޭނާ ދޫނުކުރާނެއެވެ. ބާސެލޯނާއިން މިހާރު އަންނަނީ ދެ ފަރާތަށް އެއްބަސްވެވޭނެ އަގަކަށް ވާސިލްވުމަށް މަޝްވަރާ ކުރަމުންނެވެ.
މިދިޔަ މަހު ނިމުނު ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮޑްރީ ވަނީ ބުދަ ދުވަހު ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އަދި ސްޕޯޓިންގ ޑައިރެކްޓަރ ޑެކޯއާ ބައްދަލުކޮށް ޓްރާންސްފާއާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. ބާސެލޯނާއިން ރޮޑްރީ ބޭނުންވަނީ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ ފްރެންކީ ޑި ޔޮންގްގެ ބަދަލުގައެވެ.
ސިޓީން މިހާރުވެސް ވަނީ ނޮޓިންގހަމް ފޮރެސްޓުން އެލިއަޓް އެންޑަސަން 116 މިލިއަން ޕައުންޑަށް ގެނެސްފައެވެ. އަދި ލިލްގެ އައްޔޫބް ބޫއައްދީ ހޯދުމަށް 80 މިލިއަން ޕައުންޑުގެ ޑީލެއްގައި މަޝްވަރާ ކުރަމުންދާއިރު، ރޮޑްރީ ދޫކޮށްލައިފިނަމަ އޭނާގެ ބަދަލުގައި ޗެލްސީގެ އެންޒޯ ފެނާންޑޭޒް ގެނައުމުގެ ވިސްނުންވެސް ސިޓީން ގެންގުޅެއެވެ.
ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ އޭނާގެ އެންމެ ބޮޑު އަމާޒަކަށްވި ރޮޑްރީ ބާސެލޯނާއަށް ބަދަލުވާން އުޅޭތީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން ސެންޓިއާގޯ ބާނަބިއުއަށް ދެވަނަ ފަހަރަށް އެނބުރި އައި މޮރީނިއޯގެ އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މެދުތެރެ ވަރުގަދަ ކުރުމަށެވެ.


