"ބީއެމްއެލްއާ ގުޅޭގޮތުން ދޮގު ޚަބަރު ފެތުރުމުން ބޭރުގެ ބޭންކުތަކާއި އޮންނަ ގުޅުމަށް އަސަރު ކުރާނެ"
11 އޯގަސްޓު 2026 - 10:01

ރާއްޖޭގެ މާލީ އިދާރާތަކާއި ހާއްސަކޮށް ބީއެމްއެލްއާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ޚަބަރުތައް ފެތުރުމުގެ ސަބަބުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ބޭރުގެ ބޭންކުތަކާއި އިދާރާތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިފަދައިން ވިދާޅުވީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރި "އިޤްތިޞާދުގެ ދެ ފަރާތް" ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުންނެވެ.
ސަޢީދު ވިދާޅުވީ، ބޭރުގެ މިފަދަ އެންމެ ގުޅުމެއް ކެނޑިގެން ދިޔަ ނަމަވެސް، ރާއްޖޭން ބޭރަށް ފައިސާ ފޮނުމަށާއި، ބޭރުގައި ތިބޭ ދަރިވަރުންނާއި އެހެނިހެން ފަރާތްތަކުން ބޭންކް ކާޑުތައް ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށްށެވެ.

Ad by Hajj Corporation
ބޭންކުން އެންމެ އިސްކަމެއްދެނީ ތަޢުލީމީ އަދި ސިއްހީ ދާއިރާއަށް ބޭނުންވާ ޑޮލަރު ދޫކުރުމަށްކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ، ބޭރުގައި ކިޔަވާ ކުދިންނަށް ވިއްކާ ޑޮލަރުގެ ނިސްބަތް އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް، ސިއްހީ ފަރުވާއަށް ބޭރަށްދާ މީހުންނަށް ދޫކުރާ ޑޮލަރުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ސިއްހީ ފަރުވާއަށް މަހަކު 1 މިލިޔަން ޑޮލަރު ވިއްކިއިރު، މިއަހަރު އެ އަދަދު ވަނީ 3 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ.
ޑޮލަރު އޭޓީއެމްތަކުން ފައިސާ ނަގާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ، ކުރިން ދުވާލަކު 1.6 މިލިޔަން ޑޮލަރު ނަގަމުންދިޔަ ނަމަވެސް، މިދިޔަ މަހު އެ އަދަދު 188 މިލިޔަން ޑޮލަރަށް އިތުރުވެފައިވާ ކަމަށެވެ. މީގެއިތުރުން، ކޮވިޑްގެ ކުރިން ބޭރަށް ދަތުރުކުރާ މީހުންނާއި އޮންލައިން ވިޔަފާރިތަކަށް ރުފިޔާ ކާޑު ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު 90,000 ގައި ހުރި ނަމަވެސް، މިހާރު އެ އަދަދު ބައެއް މަސްމަހު 280,000 އާއި 300,000 އާ ދެމެދުގެ އަދަދަކަށް އަރާ ކަމަށް ސަޢީދު ވިދާޅުވިއެވެ.
"މިހާރު އެންމެ ދަށްކޮށް ފޮރިން ޓްރާންސެކްޝަން ބޭނުންކޮށްފަ އެބަހުރި 280،000 ކަސްޓަމަރުން. މިއީ ރުފިޔާ ކާޑުތަކުން. މި އަދަދުތަކަށް މިވަގުތުވެސް އަޅުގަނޑުމެން މިދަނީ ކޭޓާ ކުރަމުން. އެހެންނަމަވެސް ދަތިތަކެއް އެބަހުރި. އިރާދުކުރެއްވިއްޔާ މިކުރާ މަސައްކަތުން އެދަތިތަކުން އަރަގަނެގެން ބޮޑުވެސް ކޮށްދޭނަން،" ސަޢީދު ވިދާޅުވިއެވެ.
ބީއެމްއެލް އާއި ރާއްޖޭގެ އިގްތިސާދާ އޮތް ގުޅުމަށް އަލިއަޅުވާލައްވަމުން ސަޢީދު ވިދާޅުވީ، ދެމެދުގައި އޮތް ގުޅުން އުޅެނީ 0.96 ޕަސެންޓުގައި ކަމަށާއި، އެހެންކަމުން ރާއްޖޭގެ އިގުތިޞާދަށް ކުރާ ކޮންމެ އަސަރެއް ބޭންކަށް ކުރާނެ ކަމަށެވެ. އަދި މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި އަލަށް ދޫކުރި 8.9 ބިލިޔަން ރުފިޔާގެ ލޯނުގެ ތެރެއިން ގާތްގަނޑަކަށް 270 މިލިޔަން ޑޮލަރު ދޫކޮށްފައިވަނީ ޑޮލަރުން ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.


