ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ރައީސް ހުޅުއްވައިދެއްވައިފި
15 އޯގަސްޓު 2026 - 06:02

ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ތެރެއިން ހއ. އުތީމުގައި ތަރައްޤީކުރި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މި ބިނާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތުއެރުވިގެން ވަޑައިގެންނެވި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަށުގެ ގިނަ އަދަދެއްގެ އާންމުންވެސް ވަނީ ބައިވެރިވެފައެވެ. މި ބިނާ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބިނާ ބައްލަވާލައްވާފައެވެ.
މިއީ އުތީމުގެ މަލަމައްޗަށް އިތުރު ދިރުމެއް ގެނުވާނެ ޚާއްސަ ބިނާއެކެވެ. އުތީމުގެ ބަނދަރުމަތީ ސަރަޙައްދުގައި މިވަގުތުވެސް ކަޅުއޮއްފުންމީގެ ނަކަލެއް ރަމްޒުކޮށްދޭ މޮނިއުމަންޓެއް ޤާއިމުކޮށްފައިވާއިރު، އަލަށް މި ހުޅުވުނު ބިނާއާއެކު ރަށުގެ މޫނު މައްޗަށް މިވަނީ އިތުރު ފުރިހަމަކަމެއް ގެނުވާފައެވެ.
ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނީ، މި ބިނާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ސިޔާސަތެއްކަމުގައިވާ "ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، ތަރިކައިން އަމްދަނީ ހޯދުމުގެ މަޝްރޫޢުގެ ޢަމަލީ ފެށުން ކަމަށެވެ. އުތީމަކީ ޤައުމީ ތަރިކައިގެ މުހިންމު މަންޒިލެއްކަމުގައި ކަނޑައަޅައި، ތާރީޚީ ތަންތަން ރައްކާތެރިކުރުމުގެ މަސައްކަތްފުޅާކޮށް، އެތަންތަން ދިރިހުރި ސަގާފީ ތަރިކަތަކަކަށް ހެދުމަކީ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރެކެވެ.
މިފަދަ ތަރިކައިގެ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ، ރަށުގެ އިޤްތިޞާދަށް ކުރިއެރުން ލިބޭނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

Ad by Hajj Corporation

-01.jpg&w=3840&q=75)
