ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް، ކަށިމާ އަޙްމަދު ޝާކިރަށް
15 އޯގަސްޓު 2026 - 06:37

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ދ.ޝ.ޢ) މައްޗަންގޮޅި ކަށިމާ އަލްއުސްތާޛު އަޙްމަދު ޝާކިރަށް އަރުވައިފިއެވެ. މި ޢިއްޒަތް އަލްއުސްތާޛު އަޙްމަދު ޝާކިރަށް އެރުވީ، މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރު ދިވެހި ދައުލަތުގެ ޚިދުމަތް ފެށްޓެވީ 30 ޖުލައި 1969 ގައެވެ. މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވިއިރު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ ވަކީލު ކަމާއި، ޝިޕިންގ މާސްޓަރ ކަމާއި، ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ އިތުރުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަޤާމު ފަދަ އިސް މަޤާމުތައް ފުރުއްވާފައިވެއެވެ.

Ad by Hajj Corporation
އަދި ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، ވިލާ ކޮލެޖުގައި 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ކިޔަވައިދެއްވައި ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރއެއްގެ މަޤާމުވެސް ފުރުއްވިއެވެ. މީގެއިތުރުން އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަކީ، ރައްޔިތުންގެ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.
ސަރުކާރުގެ ޗާޕުޚާނާއިން ފެށްޓެވި ޚިދުމަތުގެ ތެރެއިން ދިވެހި އަދަބިއްޔާތުގެ ތެރެއަށް ވެދެވަޑައިގެންނެވި ކަށިމާ ޝާކިރަކީ ރާއްޖޭގެ ތަމްސީލު ކުޅުމާއި ސްޓޭޖް ޑްރާމާގެ ރޮނގުން ބޮޑު މަޤްބޫލުކަމެއް ހޯއްދެވި ފަންނާނެކެވެ. މަޖީދިއްޔާގެ ރަން ޔޫބީލް ތަމްސީލުތަކުން ފެށިގެން އޮލިމްޕިއަންސް ޝޯތަކާއި، ކަލްޗަރަލް އެންޑް ޑްރެމެޓިކް ސޮސައިޓީ (ސީ.ޑީ.އެސް) އުފައްދަވައި 10 އަހަރު ވަންދެން ޝޯތައް ހުށަހަޅުއްވައިދެއްވިއެވެ. އަދި ޓެލެވިޜަން މޯލްޑިވްސްގެ ޕްރޮގްރާމް ޕްރޮޑިއުސަރެއްގެ ގޮތުން ޣާޒީ ބަންޑާރައިން، ދޮންހިޔަލައާއި، އަލިފުޅު އަދި ތަރާގަނޑުގެ ކަށިގަނޑު ފަދަ އެތައް ޓެލެޑްރާމާއަކާއި ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުއްވައި ތަރިން ތަމްރީނުކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމާއި، ތާރީޚީ ފޮތް ލިޔުއްވުމުގެ ރޮނގުން ވެސް ކަށިމާ އަޙްމަދު ޝާކިރު ގެންދަވަނީ، ގިނަ ޚިދުމަތްތަކެއް ކުރައްވަމުންނެވެ. އޭގެ ތެރޭގައި 640 ޞަފްޙާގެ "ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ" މި ފޮތާއި، މި ސީރީޒްގެ އިތުރު 5 ވޮލިއުމް ލިޔުއްވުން ހިމެނެއެވެ. މީގެއިތުރުން "އިސްލާމްދީނުގެ އަލިކަން ދިވެހިރާއްޖެއަށް ފެތުރެމުން އައިގޮތް" މި ފޮތާއި، "ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު" ފޮތާއި "ދިވެހިރާއްޖޭގެ ފައިސާގެ ތާރީޚު" ފޮތުގެ އިތުރުން ދަޢުލަތުގެ މުއައްސަސާތަކުގެ ތާރީޚު ފޮތްތަކާއި ރާއްޖޭގެ އިސް ޚިދުމަތްތެރިންގެ ބައޮގްރަފީ ފޮތްތައްވެސް ވަނީ ލިޔުއްވާފައެވެ.
އަލްއުސްތާޛު އަޙްމަދު ޝާކިރު ވަނީ ޢުމުރުފުޅުން 69 އަހަރުގައި މާސްޓަރ އޮފް ޝަރީޢާ ހާސިލުކުރައްވާފައެވެ. އެމަނިކުފާނަށް މީގެ ކުރިން ތަމްސީލު ކުޅުމުގެ ރޮނގުންނާއި، ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، ނޫސްވެރިކަމުގެ ރިހިގަލަން، އަދި ތާރީޚީ ފޮތް ލިޔުއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ދިވެހިބަހުގެ އެކެޑަމީގެ "ޙަސަން ތާޖުއްދީން އެވޯޑް" ލިބިވަޑައިގެންފައިވެއެވެ

-01.jpg&w=3840&q=75)
