އޭދަފުށީގައި ގާއިމުކުރި 1.2 މެގަވޮޓްގެ ސޯލާ ޕީވީ އަދި ބެޓެރީ ސްޓޯރޭޖް ސިސްޓަމް ރަސްމީކޮށް އިފްތިތާޙުކޮށްފި
18 އޯގަސްޓު 2026 - 03:23

ބ. އޭދަފުށީގެ ކަރަންޓު ވިއުގައަށް އިޔާދަކުރަނިވި ހަކަތަ ގުޅާލުމުގެ ގޮތުން އެ ރަށުގައި ގާއިމުކުރި 1.2 މެގަވޮޓްގެ ސޯލާ ޕީވީ އަދި 1.5 މެގަވޮޓް އަވަރގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، އޭދަފުށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ސިސްޓަމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައި، ރަށުގެ ސެންޓްރަލް ގްރިޑާ ގުޅައިދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ޝަރީފު ކަމަށެވެ. މިއީ ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އޭދަފުއްޓަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

Ad by Hajj Corporation
މި މަޝްރޫޢަކީ 'އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ' (އެރައިސް) މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދެވުނު މަސައްކަތެކެވެ. މި ފިޔަވަހީގެ ދަށުން ރާއްޖޭގެ 9 ރަށެއްގައި ސޯލާ ސިސްޓަމް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން މަސައްކަތް އެއްކޮށް ނިމި ޚިދުމަތް ދޭން ފެށި ފުރަތަމަ ރަށަކީ އޭދަފުށްޓެވެ.
އެރައިސް މަޝްރޫޢުގެ މި ފިޔަވަހީގެ ދަށުން ޖުމްލަ 11 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެއް ސަބް-ޕްރޮޖެކްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލާ ހަކަތަ އުފެއްދުމަށްޓަކައި ހިންގޭ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކޮށްލެވެއެވެ.
މި ނިޒާމު ރަސްމީކޮށް ބޭނުންކުރަން ފެށުމާއެކު، އޭދަފުށީގައި ކަރަންޓު އުފެއްދުމަށް އަންދާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ. އަދި މިއީ ތެލަށް ކުރާ ބޮޑު ހޭދަ ކުޑަކޮށް، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

-01.jpg&w=3840&q=75)
