ދުންފަތާ ދެކޮޅު ގައުމީ ކެމްޕެއިން ފުޅާކޮށް ސްކޫލްތަކާއި ކުޅިވަރުގެ ދާއިރާ އާއި ޖަމްއިއްޔާތައް ބައިވެރިކުރަނީ
19 އޯގަސްޓު 2026 - 03:41

ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ މެދު ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިންގައި ސްކޫލްތަކާއި މަދަނީ ޖަމްއިއްޔާތަކުގެ އިތުރުން ކުޅިވަރުގެ ދާއިރާގެ ފަރާތްތައް ބައިވެރިކޮށް، ކެމްޕެއިން އިތުރަށް ފުޅާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭ ސަބް-ކޮމިޓީން ވަނީ އެ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ. އެ ކޮމިޓީއިން ހިއްސާކުރެއްވި ކަންކަމަށް ރިޢާޔަތްކުރައްވައި، ސްކޫލް ނިޒާމްގެ ތެރެއިން ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައެވެ. މި މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކޯޑިނޭޓްކުރާ ގޮތަށް، ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިންނެވެ.

Ad by Hajj Corporation
މި ކެމްޕޭނުގައި ރާއްޖޭގެ ވީހާވެސް ގިނަ މަދަނީ ޖަމުޢިއްޔާތައް ބައިވެރިކުރުމުގެ ގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މި ކެމްޕޭނުގައި ބައިވެރިވާނޭ ފަރާތެއް ހެލްތު މިނިސްޓްރީން އެކަށައެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކެމްޕޭނުގެ ފުރަތަމަ މަރުޙަލާގައި، ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމުޢިއްޔާ އަދި މާލޭ ސަރަޙައްދުން ގިނަ ޖަމުޢިއްޔާތަކެއް ބައިވެރިކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
މީގެއިތުރުން، ރަށްރަށުގައި ތިއްބަވާ ޔޫތު އެސޯސިއޭޓުންނާއި، ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިކޮށްގެން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ފުޅާކުރުމަށްވެސް ވަނީ ނިންމަވާފައެވެ. އަދި އެއްވެސް ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށް ކަމަށް ހެދުމުގެ އަމާޒު ހާސިލުކުރުމަށްޓަކައި، ޚާއްޞަ ޓާގެޓުތަކެއް ކަނޑައެޅުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

-01.jpg&w=3840&q=75)
