އިތުރު 91 ޒުވާން ޚަޠީބުން ތަމްރީނުކޮށް، ތަމްރީނުކުރި ޖުމްލަ ޢަދަދު 700 އިން މައްޗަށް އަރައިފި
25 އޯގަސްޓު 2026 - 08:22

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 5 ވަނަ ބުރު ނިންމައި، އިތުރު 91 ޒުވާން ޚަޠީބަކަށް ސަނަދު ދީފިއެވެ.
މި ބައިވެރިންނަށް ސަނަދު ދިނުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރަ މާލަމްގައެވެ.

Ad by Hajj Corporation
އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބުރުގައި ސަނަދު ޙާޞިލުކުރި 91 ކުދިންނާއެކު، މިހާތަނަށް މި ޕްރޮގްރާމުގެ ދަށުން ތަމްރީނުކުރެވުނު ޒުވާން ޚަޠީބުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 700 އަށްވުރެ މައްޗަށް އަރާފައެވެ. މިއީ އަންނަން އޮތް ޖީލަށް އިސްލާމްވަންތަކަމުގެ ޝިޢާރު ފޯރުކޮށްދޭނެ ޖީލެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
އަލަށް ޒުވާން ޚަތީބުންގެ ސަނަދު ހާސިލްކުރި ދަރިވަރުންނާއި އިސްލާމީ ވުޒާރާގެ ވެރިން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ މި ޕްރޮގްރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށާއި، ޒުވާނުންނަށް މި ދާއިރާއިން ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ގްރޭޑް 10، 11 އަދި 12 ގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށެވެ. މިއީ ދިވެހި ޒުވާނުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ލިބި، ދީނީ ދަޢުވަތުގެ މަސައްކަތަށް އައު ދިރުމެއް ގެނުވި ޕްރޮގްރާމެއް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ފެށި މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ޚަޠީބުންގެ އައު ޖީލެއް ބިނާކުރުން ކަމަށެވެ.
އަދި މިއަދު މިފަދަ ޖީލެއް ނުއުފައްދައިފިނަމަ ރާއްޖޭގެ މުސްތަޤުބަލަށް ގޮންޖެހުންތައް ކުރިމަތިވާނެކަން ފާހަގަކުރައްވައި، މި ޒުވާން ޖީލަކީ ކުރިއަށް އޮތް 100 އަހަރަށް އިސްލާމީ ޝިޢާރު ފާޅުކުރާނެ ޖީލެއް ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

-01.jpg&w=3840&q=75)
