ސިޔާސީ މައިދާނުގައި ހަރަކާތްތަރިވުމަށް އަންހެނުންނަށް ހުރި ގޮންޖެހުން ގިނަ - ދިރާސާ
1 ސެޕްޓެމްބަރު 2024 - 05:00

ރަށްރަށުގައި ކުރިއަށްގެންދާ ސިޔާސީ އެކިއެކި ހަރަކާތުގައި ބައިވެރިވުމަށް ރަށުފެންވަރުގައި ގޮންޖެހުންތައް އެބަހުރި ކަމަށާއި، އެކަށީގެންވާ ފުރުސަތެއް ނުލިބޭ ކަމަށް މުލަކަތޮޅު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކުރިއަށްގެންދިޔަ އަންހެނުންގެ ދިރިއުޅުމުގެ ހާލަތު ބަލާ ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާއިން ދައްކާގޮތުން އެ ދިރާސާގައި ބައިވެރިވެފައިވާ %72.5 އަންހެނުންނަކީ ސަރުކާރުގެ ކޮންމެވެސް އިދާރާއެއްގައި މަސައްކަތް ކުރާ މީހުންނެވެ. އޭގެ ތެރޭގައި %3.8 އަންހެނުންނަކީ ސަރުކާރު ހިއްސާވާ ކޮންމެވެސް އިދާރާއެއްގައި މަސައްކަތްކުރާ މީހުންނެވެ.

Ad by Hajj Corporation
މިއަހަރުގެ މެއި މަހުގެ 13 އިން 15އަށް ކުރިއަށްގެންދިޔަ މި ދިރާސާގައި މުލަކުގައި ދިރިއުޅޭ 106 އަންހެނުން ވަނީ ބައިވެރިވެފައެވެ.
އެ ކޮމިޓީން އެކުލަވާލި މި ރިޕޯޓަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއިބެހޭ ގާނޫނުގައިވާ، އަންހެނުންނާ ބެހޭ މުހިންމު މައުލޫމާތު އެއްކުރުމުގެ މަސްއޫލިއްޔަތުގެ ދަށުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކުރިއަށްގެންދިޔަ ދިރާސާޢެކެވެ.
މި ދިރާސާގެ މަގުސަދަކީ މުލަކުގެ އަންހެނުންނާބެހޭ މުހިންމު މައުލޫމާތު އެއްކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހަރަކާތްތައް އޭގެ މައްޗަށް ބިނާކޮށް ކަމާއިބެހޭ އެކި ވުޒާރާތަކަށް އެ މައުލޫމާތު ހިއްސާކުރުމެވެ. މި ދިރާސާގެ އަލީގައި ކައުންސިލުން ރައްޔިތުންނަށްދޭ ޚިދުމަތްތައް ރަނގަޅު ކުރުމާއި، ކައުންސިލާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ހުށަހެޅުންތަކެއް ކައުންސިލަށް ފޯރުކޮށްދެވޭނެއެވެ.
އޭގެ ތެރޭގައި ސިއްހީ ހާލަތު ހުރި ގޮތުން އާމްދަނީ ހޯދުމަށް މަސައްކަތް ނުކުރާ %15 މީހަކު ހުރި އިރު، ކުރާނެ މަސައްކަތެއް ނުލިބުމުގެ ސަބަބުން މަސައްކަތެއް ނުކުރާ %30 އަށްވުރެ ގިނަ އަންހެނުން އެބަތިއްބެވެ. އަދި ގޭތެރޭގެ މަސައްކަތް ހުންނަ ގޮތުންނާއި، އާއިލީ ޒިންމާ އަދާކުރަންޖެހޭތީ މަސައްކަތަތެއް ނުކުރާ %42 އަށްވުރެ ގިނަ މީހަކު އެބަތިއްބެވެ.
ރަށު ފެންވަރުގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް އަންހެނުންނަށް ފުރިސަތު ނުލިބޭ ކަމަށް މި ދިރާސާގައި ބައިވެރިވި ގިނަ އަންހެނުން ދެކެއެވެ. ތަޢުލީމީ ޤާބިލުކަމަށް ބަލާއިރު ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ މިއަށްވުރެ އިތުރުވާންޖެހޭކަމަށް ގަބޫލުކުރެވޭއިރު، ބޮޑޭތި މަގާމުތައް އަދާކުރެވޭ ފެންވަރުގެ ދިވެހި އަންހެނުން ރާއްޖޭގައި ވަރަށް ގިނަކަމަށް އަޅުގަނޑުމެން ގަބޫލުކުރަން ޖެހެއެވެ.
މި ދިރާސާއަށް ބަލާއިރު، ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރިވުމަށް ރަށު ފެންވަރުގައި ދިމާވާ ގޮންޖެހުމެއް ކަމަށް އެރަށު އަންހެނުން ގަބޫލުކުރަނީ ރަށުގައި ތިބެގެން އެކަށީގެންވާ ފުރުސަތެއް ނުލިބުމެވެ. އެގޮތުން އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށް %36 އަންހެނުން ގަބޫލުކުރާއިރު، މުޖުތަމައު ދެކޭގޮތާއި ހެދި %35.3 މީހުން ފަސްޖެހޭ ކަމަށް މި ދިރާސާއިން ދައްކައެވެ.
އެގޮތަށް ބަލާއިރު، އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވޭ ހަރަކާތްތަކުގައި އަންހެނުންނަށް ކުރިއަށްދެވޭނެ ރޮނގުތައް އޮޅުންފިލުވައިދިނުމާއި، ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް މަސައްކަތް ކުރުމުގެ އިތުރުން އަންހެނުން ހޭލުންތެރިކުރުމަށް މަސައްކަތްކޮށް އެވެއާރނަސް ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.
މި ދިރާސާގައި ރަށު ކައުންސިލުން ރައްޔިތުންނާއެކު ބާއްވާފައިވާ އެއްވެސް ބައްދަލުވުމަކަށް ހާޒިރު ނުވަނީ ކީއްވެތޯ، ސުވާލުކުރުމުން %42.4 އަންހެނުން ބުނެފައިވަނީ އެކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. %30.5 މީހުން އެ ބައްދަލުވުންތަކުގައި ބައިވެރިނުވަނީ ވަގުތު ނެތިގެން ކަމަށް ބުނެފައިވާއިރު، %1.7 އިންސައްތަ އަންހެނުން ބުނެފައިވަނީ ކައުންސިލުން ބާއްވާ އެފަދަ ބައްދަލުވުންތަކުގައި ބައިވެރިވިއަސް " ވާނެ ކަމެއް ނެތް" ކަމަށެވެ.
އަންހެނުންނާ ގުޅޭ ގޮތުން މިފަދަ ދިރާސާއެއް މީގެ ކުރިން ކޮށްފައި ނުވި ނަމަވެސް، މިފަދަ ދިރާސާއެއް ހެދުމުގެ ބޭނުމަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ގާނޫނު ބުނާ ގޮތުން ނަމަ ކައުންސިލަށް ލަފާ ދިނުމަށް އޮންނަ ކޮމިޓީއެކެވެ.
މުލަކު ޑަބްލިއުޑީސީން ކުރިއަށްގެންދިޔަ އަންހެނުންގެ ސާރވޭއާ ގުޅޭގޮތުން އެރަށު ކައުންސިލުގެ ޑަބްލިއުޑީސީގެ ރައީސާ ނާސިހާ ނާސިރު ވިދާޅުވި ގޮތުގައި މިފަދަ ދިރާސާއެއް ހެދުމުގެ ބޭނުމަކީ ރަށުގެ އަންހެނުންނާބެހޭ މައުލޫމާތު އެއްކުރުން ކަމަށެވެ. އަދި ފުރަތަމަ ފަހަރާ އަޅާ ބަލާއިރު މި ދިރާސާގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ނާސިހާ ވިދާޅުވިއެވެ.
ހަމައެއާއެކު މި ދިރާސާގެ ހޯދުންތަކަށް ބަލައި، ރަނގަޅު ކުރެވިދާނެ ބައެއް ދާއިރާތައް އެބަހުރި ކަމަށް ނާސިހާ ވިދާޅުވިއެވެ. ހަމައެގޮތަށް އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ހުރި އިރު، އެފަރާތްތަކަށް ބައެއް ދާއިރާތަކުން ހުރިގޮންޖެހުން ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެ ދިރާސާގެ ނަތީޖާއަށް ބަލާއިރު، ސިޔާސީ ދާއިރާއަށް އަންހެނުނަށް އެކަށީގެންވާ ފުރުސަތު ނުލިބުމުގެ އިތުރުން އެކަށީގެންވާ ވަގުތު ނުލިބޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.


