މިއަހަރުގެ ވިމެންސް ލީގް ނިއު ރޭޑިއަންޓުން ވަރުގަދަކޮށް ފަށައިފި
19 ނޮވެމްބަރު 2026 - 04:42

މިހާރު ކުރިއަށްދާ އެފްއޭއެމް ވިމަންސް ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސް މޭޓްސް) ގެ މައްޗަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކުރިހޯދައިފި އެވެ.
މުޅި މެޗު ކަހަލަ ގޮތަކަށް ނިއުރޭޑިއަންޓުން ކޮންޓްރޯލްކޮށްގެން ކުޅުނު މި މެޗުގެ 11 ވަނަ މިނިޓްގައި މަސުރާ ޕާވިން ވަނީ ގޯލު ޖަހައި ނިއުއަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 26 ވަނަ މިނިޓްގައި ސުމައްޔާ މަޓުޝީމާ ޖެހި ގޯލުން ނިއުރޭޑިއަންޓުން ލީޑު ފުޅާކުރިއެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ނިއުރޭޑިއަންޓުން ގިނަ ގޯލުތަކެއް ޖެހޭތޯ މަސައްކަތް ކުރިއިރު، މެޗުގެ 61 ވަނަ މިނިޓްގައި މައީޝާ އަބްދުލް ހަންނާން ވަނީ އެ ޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގައި ނިއުރޭޑިއަންޓުން ކުޅުނު ފުރަތަމަ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބްގެ މައްޗަށް އެ ޓީމުން ކުރިހޯދީ 15-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ނިއުރޭޑިއަންޓުން ދެން ނުކުންނާނީ އަންނަ އާދީއްތަ ދުވަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށެވެ.
ޖުމްލަ ހަތަރު ޓީމު ވާދަކުރާ މި ފަހަރުގެ ވިމަންސް ލީގުގައި ނިއުރޭޑިއަންޓާއި މާޒިޔާ އަދި އެމްއެސް މޭޓްސްގެ އިތުރުން ދެން ވާދަކުރަނީ ދަ ގްރާންޑޭއެވެ.

-01.jpg&w=3840&q=75)
