ކުދިންގެ ތަރުބިއްޔަތުގެ ކުރީކޮޅު ކުރިމަތިވާ ހުރަަސްތައް ނައްތާލުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި
11 ފެބްރުއަރީ 2026 - 13:00

ކުދިންގެ ތަރުބިއްޔަތުގެ ކުރީކޮޅު ކުރިމަތިވާ ހުރަަސްތައް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިފަދައިން ގޮވާލެއްވީ ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ.

Ad by Hajj Corporation
އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި، ސައިންސްގެ ދާއިރާއިން އަންހެނުން ކުރިއަށްދިއުމަށްޓަކައި މުޖުތަމަޢުގެ ތެރެއިން ބޭނުންވާ މުހިންމު ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ސައިންސްގެ ރޮނގުން އަންހެން ކުދިންގެ ކިބައިގައި ހުންނަ ހުނަރާއި ޤާބިލުކަން އެހެން ކުދިންނާ އެއްވަރުކަން ނުވަތަ އެއަށްވުރެ އިތުރުކަން ދިރާސާތަކުން ކަށަވަރުވާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ގޭތެރެއާއި ކިޔަވައިދޭ މާޙައުލުތަކުގައި ޒަމާނުއްސުރެ ޤަބޫލުކުރެވިފައިވާ ވިސްނުންތަކުގެ ސަބަބުން އެކުދިން ކުރިއަށްދިއުމަށް އަދިވެސް ހުރަސްތަކެއް ކުރިމަތިވަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކުދިންގެ ތަރުބިއްޔަތުގެ ކުރީކޮޅު ކުރިމަތިވާ މިފަދަ ހުރަސްތައް ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އަޒުމް ކަނޑައެޅުމަށް އެކަމަނާ ގޮވާލެއްވިއެވެ.
ހަމަމިއާއެކު ކޮންމެ އަންހެން ކުއްޖެއްގެ ކިބައިގައިވާ ފުރިހަމަ ޤާބިލުކަން ދެނެގަނެ، އެކަން ފާހަގަކޮށް، އެކުދިންނަށް ފުރިހަމަ ފުރުޞަތު ހޯދައިދިނުމަށްޓަކައި ބެލެނިވެރިންނާއި، މުދައްރިސުން އަދި މުޅި މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ، ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަގުވާމީ ދުވަހަކީ، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް (ސްޓެމް) ގެ ދާއިރާތަކުގައި އަންހެނުންނާއި އަންހެން ކުދީންގެ ފުރިހަމަ އަދި ހަމަހަމަ ބައިވެރިވުން ކަށަވަރުކުރުމަށް ބާރުއެޅުމުގެ ގޮތުން އދ. ގެ އާންމު މަޖިލީހުން ކަނޑައަޅުއްވާފައިވާ ޚާއްޞަ ދުވަހެކެވެ.


