18 އަހަރުފަހުން ތުރުކިޔޭގެ ފެނަބާޗޭ އެނބުރި ޗެންޕިއަންސް ލީގަށް
27 އޯގަސްޓު 2026 - 04:10
.png&w=3840&q=75)
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފް ދެވަނަ ލެގުގައި ފްރާންސްގެ ލިޔޯން 2-1 އިން ބަލިކޮށް، އެގްރިގޭޓުން 3-2 ގެ ނަތީޖާއަކުން ކުރިހޯދައިގެން ތުރުކީގެ ފެނަބާޗޭ 18 އަހަރަށްފަހު މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފިއެވެ. މިއީ 2008-09 ވަނަ އަހަރުގެ ސީޒަނަށްފަހު އެ ޓީމު ޗެމްޕިއަންސް ލީގުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ހާފުގައި ފެނަބާޗޭއިން ވަނީ ހަތަރު މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައި ކުރިހޯދާފައެވެ. މެޗުގެ 24 ވަނަ މިނެޓުގައި ވެދާތު މުރީގީ ފެނަބާޗޭއަށް ލީޑު ނަގައިދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން މޭސަން ގްރީންވުޑް ނެގި ކޯނަރަކުން އާޗީ ބްރައުން ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައި ލީޑު ފުޅާކޮށްދީފައެވެ. ލިޔޯނުން މެޗުގެ 61 ވަނަ މިނެޓުގައި މަލިކް ފޮފާނާގެ ލަނޑުން ފަރަގު ކުޑަކުރި ނަމަވެސް، ފެނަބާޗޭއިން ވަނީ މެޗުގެ ނަތީޖާ ދަމަހައްޓާފައެވެ.

Ad by Hajj Corporation
މެޗުގެ ފަހުބައިގައި ލިޔޯންގެ ޕައުލޯ ފޮންސެކާގެ ޓީމުން ޖެހި ދެ ލަނޑެއް ވީއޭއާރުން ވަނީ ބާތިލްކޮށްފައެވެ. އޭގެ ތެރޭގައި އޮޕެންޑާ އޮފްސައިޑް ވެގެން ބާތިލްކުރި ލަނޑަކާއި، ފައުލަކާ ގުޅިގެން ކާއިލް ބޫދާޝް ޖެހި ލަނޑު ހިމެނެއެވެ. މެޗު ނިމުމަށްފަހު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހޫނުގަދަ ކުރިމަތިލުމެއް ހިނގައި، އެކަން ޓަނަލާ ހަމައަށް ވެސް ދެމިގެން ދިޔައެވެ.
މި ކާމިޔާބީއާއެކު ފެނަބާޗޭ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެންމެ ގިނަ މޮޅު ހޯދި ތުރުކީގެ ޓީމަށެވެ. އެ ޓީމުން މިހާރު ވަނީ 122 މޮޅު ހޯދައި، 121 މޮޅާއެކު ކުރިން އެ ރެކޯޑު އޮތް ގަލަތަސަރާއީ ފަހަތަށް ޖައްސާލާފައެވެ. މި މުބާރާތުގައި ތުރުކީ ތަމްސީލުކުރުމަށް ފެނަބާޗޭއާއެކު ގަލަތަސަރާއީ ވެސް ވާދަކުރާނެއެވެ.
ޕްލޭއޮފްގެ އެހެން މެޗުތަކަށް ބަލާއިރު، ގްރީސްގެ އޭއީކޭ އެތެންސް ވަނީ 4-0 ގެ އެގްރިގޭޓުން ލެވްސްކީ ސޯފިއާ ބަލިކޮށްފައެވެ. އަދި ނޯވޭގެ ވައިކިންގް އެފްކޭ އިން 5-3 ގެ އެގްރިގޭޓުން ޑިނަމޯ ޒަގްރެބް ކަޓުވާލިއިރު، ސްލޮވާކިއާގެ ސްލޮވާން ބްރަޓިސްލާވާ ވަނީ އިތުރު ވަގުތު ކުޅެގެން 3-2 ގެ އެގްރިގޭޓުން ސެލްޖޭ ބަލިކޮށް މުބާރާތުން ޖާގަ ހޯދާފައެވެ.

-01.jpg&w=3840&q=75)
