30 ފަހަރު ހައްޔަރުކޮށް 16 ފަހަރު ބަންދު ކުރި މީހަކު އަނެއްކާވެސް ބަންދަށް


20 އޮކްޓޯބަރު 2024 - 08:25
މީގެ ކުރިން 30 ފަހަރު ހައްޔަރު ކުރި މީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. މިފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ، ސައިކަލެއް ވަގަށް ނަގައިގެންނެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 10 ދުވަހު އޭނާ ބަންދުގައި ބަހައްޓަން އަމުރު ކޮށްފައެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ނިނމަން ނެރުނު އަމުރުގައި ބުނެފައި ވަނީ އޭނާ ސައިކަލެއް ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ގަރީނާ ލިބިފައިވާކަމަށެވެ. އެގޮތުން، ސީނަށް ދިޔަ ފުލުހުންގެ ރިޕޯޓާއި ވަގަށްނަގާފައިވާ ސައިކަލުވެސް ހެކީގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ކުށުގެ ވެށީގައި ހަޔާތް ވޭތުކުރަމުންދާ މި މީހާގެ 30 ހައްޔަރު ރިކޯޑު އޮންނަ އިރު، އޭގެ ތެރެއިން 16 ފަހަރު ބަންދުގެ މުއްދަތު ޖަހާފައި ވެއެވެ.
އަދި ސައިކަލް ވަގަށް ނެގުމުގެ ރެކޯޑް ވެސް އޭނާގެ އެބައޮތެވެ.