logo
MPL

MPL

ވިޔަފާރި

ޒުވާނުންގެ ލޯނު ސްކީމުގެ ދަށުން 3،000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
27 އޯގަސްޓު 2026 - 19:40
ޒުވާނުންގެ ލޯނު ސްކީމުގެ ދަށުން 3،000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެ ބޭންކުގެ ސަބްސިޑަރީ އެސްއެމްއީ ޑިޖިޓަލް ގުޅިގެން ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ތައާރަފުކުރި ލޯނު ސްކީމުގެ ދަށުން، 3،000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއްގެ ލޯނު ދޫކޮށްފިއެވެ.

ބީއެމްއެލް އަދި އެސްއެމްއީ ޑިޖިޓަލް އިން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، "ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" ގެ ނަމުގައި ތައާރަފުކުރި މި ސްކީމަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްގެން، އަލަށް ވިޔަފާރި ފެށުމަށާއި ހިނގަމުންދާ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން ފަރުމާކޮށްފައިވާ ލޯނު ސްކީމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސްކީމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، މި އިސްނެގުމަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. "އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުން އެމީހުންގެ އުފެއްދުންތެރި ހިޔާލުތައް ފައިދާހުރި ވިޔަފާރިތަކަކަށް ބަދަލުކުރުމުގައާއި، ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކޮށް ދިގުމުއްދަތުގެ ކާމިޔާބީ ހާސިލުކުރުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ތަރައްގީކުރުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚްރެއް،" ޝަރީފު ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދްރުއްދީން ހަސަން ވިދާޅުވީ، ފުރަތަމަ ފިޔަވަހީގައި 3،000 އަށްވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ފިޔަވަހީގައި ފޯރުކޮށްދޭ އެހީތެރިކަން އިތުރަށް ފުޅާކުރުމަކީ އަމާޒެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ސްކީމުގެ ދަށުން ލޯނު ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން މެންޓާޝިޕާއި، ވިޔަފާރީގެ ތަމްރީނު އަދި ވިޔަފާރި ފޯމަލައިޒްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކަނޑައެޅިފައިވާ ފަންޑެއްގެ ދަށުން އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 1 ނޮވެންބަރު 2026 ގައި ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ހޯދުމަށާއި ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭ މުހިންމު ފުރުސަތެއް ކަމަށް ދެ އިދާރާއިންވެސް ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުންގެ ލޯނު ސްކީމުގެ ދަށުން 3،000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިވިޔަފާރި | ގަޑިއިރެއް ކުރިންބީއެމްއެލްއިން ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރަން ނިންމައިފިޚަބަރު | 15 ދުވަސް ކުރިންގައުމީ ބޭންކުން ކޮންމެ ދުވަހަކު 2.7 މިލިޔަން ޑޮލަރު ވިއްކާޚަބަރު | 16 ދުވަސް ކުރިންބޭންކް އޮފް މޯލްޑިވިސް އިން އެއްވެސް ކަމަކަށް ސަރުކާރަށް ޑޮލަރު ދީފައެއް ނުވާނެ: ޝަރީފުޚަބަރު | މަހެއް ކުރިން