ޤައުމީ ވިންދާ އިދިކޮޅުވެ، ޔާމީނާއި އެމްޑީޕީ ފިކުރު އެއްވެއްޖެކަން ހަމައެންމެ މިސާލަކުން
29 އޯގަސްޓު 2026 - 17:48

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަކީ އަބަދުވެސް ހަލަބޮލި އަދި އެހާމެ ބަދަލުވަމުން އަންނަ މައިދާނެކެވެ. ނަމަވެސް، ސިޔާސީ ފިކުރުތަކާއި ޕާޓީތައް ކިތަންމެ ތަފާތުވި ނަމަވެސް ޤައުމުގެ އިޤްތިޞާދާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދިނުމަކީ ކޮންމެ ސިޔާސީ ލީޑަރެއްގެ ވެސް ޤައުމީ ޒިންމާއެކެވެ. އެހެންނަމަވެސް، ފަހަކަށް އައިސް ފެނިގެންދަނީ އަމިއްލަ ސިޔާސީ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ޤައުމީ ވިންދާ ދެކޮޅަށް، ''ތެލާއި ފެން އެކުވެ'' ޤައުމުގެ އިޤްތިޞާދު ފުނޑާލަން މަސައްކަތްކުރަމުންދާ ހިތާމަވެރި މަންޒަރެވެ.
އެމްޑީޕީގެ މާޒީ: އިޤްތިޞާދަށް ދިން ގެއްލުމުން ތަންކޮޅެއް

Ad by Hajj Corporation
އެމްޑީޕީއަށް ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ފެނިގެންދަނީ އެ ޕާޓީން ޤައުމުގެ މައި އިޤްތިޞާދީ ތަނބު ކަމުގައިވާ ފަތުރުވެރިކަމަށް ޙަމަލާދޭ މަންޒަރެވެ. މިގޮތުން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ބޭރުގެ ޕްލެޓްފޯމްތަކުގައި ގޮވާލުމާއި، މަގުތައް ހަލަބޮލިކޮށް ޤައުމުގައި އަމާންކަމެއް ނެތްކަން ދެއްކުމަކީ އެމްޑީޕީގެ އާދައެކެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ ޞުލްޙަވެރި މަންޒިލެއްގެ ގޮތުގައި އޮތް ނަމަށް ބުރޫއަރައި، ދިވެހި އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔައެވެ. މި ގެއްލުމުގެ ހިތި ނަތީޖާ ތަޙައްމަލުކުރަން ޖެހުނީ ވެރިކަމުގައި ތިބި ބަޔަކު އެކަންޏެއް ނޫނެވެ؛ ޖުމްލަކޮށް އެންމެހައި ދިވެހި ރައްޔިތުންނެވެ.
ޔާމީންގެ ކުރީގެ ސްޓޭންޑާއި މިއަދުގެ ބަދަލުވުން
އެމްޑީޕީގެ މި ނޭދެވޭ ސިޔާސަތުތަކާ ދެކޮޅަށް އެންމެ އަޑުހަރުކޮށް ވަކާލާތު ކުރެއްވި އެއް ބޭފުޅަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ޔާމީން އޭރު ވިދާޅުވަމުން ގެންދެވީ ފަތުރުވެރިކަން ބޮއިކޮޓްކޮށް، އިޤްތިޞާދު ހަލާކުކޮށްލަން އެމްޑީޕީން ކުރާ މަސައްކަތަކީ ޤައުމަށް ޚިޔާނާތްތެރިވުން ފަދަ ކަމެއް ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް އިންތިހާއަށް ގެއްލުންދެނިވި ފިކުރެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. ނަމަވެސް މިއަދު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ސިޔާސީ މަންފާއަށްޓަކައި ޔާމީން ވެސް ވަނީ އެމްޑީޕީގެ މި ނުރައްކާތެރި ފިކުރާ އެއްގަލަކަށް އަރައިވަޑައިގެންފައެވެ.
ބޭރު ފައިސާ މާރުކުރުމުގެ ޤަވާޢިދާ ދެކޮޅު ހެދުން
މި އެއްބަސްވުމުގެ އެންމެ ބޮޑު މިސާލަކީ، ރާއްޖެއަށް ވަންނަ ބޭރު ފައިސާ ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމަށްޓަކައި އިސްލާޙްކުރެވުނު ޤާނޫނާއި ޚިލާފުވުމަށް ޔާމީން ގޮވާލެއްވުމެވެ. ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ލިބޭ ބޭރު ފައިސާގެ ވަކި މިންވަރެއް ދިވެހި ބޭންކުތަކަށް މާރުކުރަން ލާޒިމްކުރުމަކީ، ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި، އާންމު ރައްޔިތުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ މަގު ފަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ނަމަވެސް، ޔާމީން ވަނީ މި ޤާނޫނަށް ޢަމަލުނުކުރުމަށް ގޮވާލައްވައި ކެމްޕޭނެއް ފައްޓަވާފައެވެ. މިއީ ސީދާ ޤައުމުގެ މާލީ ނިޒާމު ހަލާކުކޮށް، އާންމު ރައްޔިތުން އަނދަވަޅަކަށް ވައްޓާލުމަށް ކުރެވޭ ކަމެކެވެ.
ރައްޔިތުންގެ ވިންދާއި އިޙްސާސްތަކަށް ފައިންއެރުން
ޑޮލަރުގެ ކަޅު ބާޒާރު އުވިގެން ނުގޮސް، ޑޮލަރުގެ އަގު އުފުލިގެން ދިއުމަކީ ރާއްޖެއަށް އެތެރެކުރާ މުދަލާއި ޚިދުމަތްތަކުގެ އަގު އިންތިހާއަށް އުފުލޭނެ ކަމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ކޮންމެ ދުވަހެއްގެ ކެއިންބުއިމާއި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، އެންމެ ނިކަމެތި ރައްޔިތު މީހާއަށް އުފުލަންޖެހޭ ތަކުލީފުތައް އިތުރުވެގެންދާނެއެވެ. ސިޔާސީ ވާދަވެރިކަމުގައި ''ސަރުކާރު ކުޑަކަކޫ މައްޗަށް'' ތިރިކުރާނަމޭ ހިތައި މިފަދަ ފިޔަވަޅުތަކަށް ތާޢީދުކުރުމަކީ ރައްޔިތުންގެ ވިންދާއި އިޙްސާސްތަކަށް ކަނޑައެޅިގެން ފުރަގަސްދިނުމެވެ.
އަމިއްލަ ސިޔާސީ ފައިދާ އިސްކުރުމުގައި ޔާމީނާއި އެމްޑީޕީގެ ފިކުރު އެއް މިސްރާބަކަށް
ޤައުމީ މަޞްލަޙަތަށްވުރެ އަމިއްލަ ސިޔާސީ ފައިދާ އިސްކުރުމުގައި ޔާމީނާއި އެމްޑީޕީގެ ފިކުރު މިއަދު ވަނީ އެއް މިސްރާބަކަށް ދަތުރުކުރަން ފަށާފައެވެ. ކުރިން ޔާމީން ދެއްކެވި ހަމަތަކާއި އުޞޫލުތައް އެއްފަރާތްކޮށް، ޤައުމުގެ އިޤްތިޞާދީ ނިޒާމު ހަލާކުކޮށްލުމަށް ބާރުއެޅުމަކީ ޤައުމީ ވިންދާ ދެކޮޅަށް އެޅުނު ނުރައްކާތެރި ފިޔަވަޅެކެވެ. މިއަދު ފެންނަ މި ޙަޤީޤަތަކީ، ދެ ފިކުރު އެއްވެ، ރައްޔިތުންގެ ދިރިއުޅުމަށް ދަތިކުރުމަށް ސިޔާސީ ލީޑަރުން ފަސްނުޖެހޭނެކަން ސާބިތުކޮށްދޭ އެންމެ ބޮޑު އެއް މިސާލެވެ.

-01.jpg&w=3840&q=75)
