ތިލަމާލެ ބުރިޖު ބައްލަވައިލެއްވުމަށް ރައީސް ފައިމަގުން މާލެއިން ވިލިމާލެއަށް!
30 އޯގަސްޓު 2026 - 13:21

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ތިލަމާލެ ބުރިޖު ބައްލަވާލައްވައިފިއެވެ. ބުރިޖު ބައްލަވައިލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފައިމަގުން މާލެއިން ވިލިމާލެއަށް ވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ބުރިޖުގެ މަސައްކަތް ބައްލަވައިލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި ސަރުކާރުގެ ވަޒީރުންނާއި، ބައެއް އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ދަށުން، މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެފަހު ސެގްމަންޓު ގުޅާލީ، ނިމިދިޔަ ހަފުތާގެ ތެރޭގައެވެ. 2022ވަނަ އަހަރު ފެށި މި ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ، އިންޑިއާގެ އެފްކޮންސް ކުންފުންޏާ ޙަވާލުކޮށްގެންނެވެ.
މާލެއާއި ވިލިމާލެ ގުޅުވާލަދޭ ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ބައްލަވާލައްވައި، ބުރިޖުގައި ކުރިއަށްގެންދިޔަ ހިންގާލުމުގެ ތެރެއިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ދެއްވާ އަހައްމިޔަތުކަން ތިލަމާލޭ ބުރިޖުގެ މަސައްކަތުން ހާމަވާ ކަމަށްށެވެ.

Ad by Hajj Corporation

އަދި މިސަރުކާރު ވެރިކަމާ ހަވާލުވީއިރު ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި، އަދި ސަރުކާރުން ވެރިކަމާ ހަވާލުވެ އެންމެ އިސްކަމެއްދިނީ، މި މަޝްރޫއުތަކުގެ ދުވެލި އަވަސް ކުރުމަށްކަން ފާހަގަކުރައްވާ މިހާތަނަށް ނިންމާލެވުނު މަޝްރޫއުތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރު ވެރިކަމާ ހަވާލުވީއިރު ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ދިއައީ އެހާ ބާރު ދުވެއްޔެއްގައި ނޫން ކަމަށެވެ. އެހެންނަމަވެސް އިންޑިއާ ސަރުކާރާއި ގުޅިގެން މި މަޝްރޫއުގެ ދުވެލި އަވަސްކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރި ކަމަށާއި، މިކަމަށްޓަކައި އިންޑިއާ ސަރުކާރަށާއި، ސަފީރަށާއި އަދި ބިނާރާބެހޭ ވަޒީރަށްވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޝްރޫއުގެ ކޮންޓްރެކްޓަރ އެފްކޮންސްއިން މިވަގުތުވެސް މި ބުރިޖުގެ މަސައްކަތްތައް ބާރަށް ކުރިއަށްގެންދާ ކަމަށާއި، މިހާރު ބުރިޖު އެއްކޮށް ގުޅާލެވިފައިވާ ކަމަށެވެ. އަދި އަމާޒަކީ، އަހަރެއްހާ ދުވަހުގެ ތެރޭގައި ބުރިޖުގެ ހުރިހާ މަސައްކަތެއް ނިންމާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
