ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ސްކޫލް ކުދިންގެ ހިޔާލު ހޯދައިފި
6 ސެޕްޓެމްބަރު 2026 - 04:51

ޞިއްހަތާއި ޢާއިލާއާއި ޢިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ދެނެގަތުމަށްޓަކައި، ކުޑަކުދިންނާ ގުޅޭގޮތުން އެކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި، އެކުދިންގެ ރައްކާތެރިކަމާއި ޒިންމާތަކާއި ގުޅޭގޮތުން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ކުދިންގެ އަޑު އަހައި، އެކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ކުދިންނަށް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރެވޭނެ ފަދަ ކުޑަކުދިންނާ ރަޙުމަތްތެރި މާޙައުލެއްގައެވެ.

Ad by Hajj Corporation
މި މަޝްވަރާ ބައްދަލުވުމުގައި މާލޭގެ ސްކޫލްތަކުގެ އިތުރުން، އަތޮޅުތެރޭގެ އެކި ސްކޫލްތަކުންގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި ޤާނޫނުގައި ހިމެނޭ އެކި މާއްދާތަކާ ގުޅޭގޮތުންނާއި، ކުދިންނަށް ދިމާވާ އެކި ގޮންޖެހުންތަކާއި، ކުދިންގެ ރައްކާތެރިކަމާއި ޒިންމާތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކުދިން ދެކޭގޮތް މި ބައްދަލުވުމުގައި ވަނީ ޙިއްޞާކޮށްފައެވެ.
މިފަދަ ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ކުޑަކުދިންނާ ގުޅޭ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވާލުމުގައި އެކުދިންގެ ވިސްނުމާއި ޚިޔާލުތަކަށް އިސްކަންދީ، ކުދިންގެ އެންމެ މަތީ މަޞްލަޙަތު ހިމާޔަތްކުރުމެވެ. މި ބައްދަލުވުމުން ލިބުނު މަޢުލޫމާތާއި ޚިޔާލުތަކަށް ބިނާކޮށް، ޤާނޫނު އިސްލާޙުކުރުމުގެ މަސައްކަތް އިތުރަށް ފުރިހަމަކުރެވިގެންދާނެއެވެ.


