ގިނަ ވަސީލަތްތަކެއް ހުންނާނެ, ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހު ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅަނީ
8 ސެޕްޓެމްބަރު 2026 - 03:26

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބާ ފާހަގަކުރާ ސެޕްޓެންބަރު 13 ވާ އާދީއްތަ ދުވަހު ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅިގެންދާނެ ކަމަށާއި، މި މިސްކިތުގައި ގިނަ އަދަދެއްގެ ވަސީލަތްތައް ގާއިމުކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދަވަން ނިންމަވާފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވައިލެއްވިއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ އިތުރުން، ރާއްޖޭގެ ހުރިހާ ރަށެއްގެ އާންމު ތަންތަނާއި މައި މަގުތަކުގައި ޛިކުރާއި ހެޔޮ ނަސޭހަތް ފެންނަ ބޯޑުތައް ހަރުކުރުމުގެ އެއް އަހަރު ދުވަހުގެ މަޝްރޫއެއް ފައްޓަވާނެކަން ވަނީ އިއުލާނުކުރައްވާފައެވެ.

Ad by Hajj Corporation
ވަޒީރު ޑރ. ޝަހީމް ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ހުޅުމާލޭގައި ބިނާކުރާ މި ބޮޑު މިސްކިތުގެ ބިންގާ އެޅުން އޮންނާނީ ސެޕްޓެންބަރު 13 ވާ އާދީއްތަ ދުވަހުގެ ހަވީރު ކަމަށެވެ. މީގެއިތުރުން އެ މިސްކިތުގައި ހިމެނޭ މުހިންމު ވަސީލަތްތަކުގެ ތަފުސީލު ވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ނަމާދުކުރާ މައި ހޯލުގެ އިތުރުން، ތައުލީމާއި ސަގާފަތާއި އިޖުތިމާއީ ކަންކަމަށް ހާއްސަ މަރުކަޒަކާއި، އިމާމުންނާއި އިދާރީ ކަންކަމަށް ހާއްސަ އޮފީހަކާއި، އިސްލާމީ ލައިބްރަރީ، ގުރުއާން މިއުޒިއަމް އަދި ސަގާފީ މަރުކަޒެއް ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، މަލްޓިޕާޕޯސް ކޮމިއުނިޓީ ހޯލަކާއި، މިސްކިތަށް ޒިޔާރަތްކުރާ މީހުންނަށް ހާއްސަ ސަރަހައްދަކާއި، އިސްލާމިކް ބުކްޝޮޕާއި ގިފްޓް ޝޮޕެއްގެ އިތުރުން މައުރަޒު ބޭއްވުމަށް ހާއްސަ ހޯލެއް މި މިސްކިތުގައި ހުންނާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ހިސާބުގައި ތަރައްގީކުރާ މި މިސްކިތް އެޅުމަށް ބޭނުންވާ ބިން، ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ ފާއިތުވި ޖޫން މަހުގެ ތެރޭގައެވެ. އަދި މި މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސައުދީ އަރަބިއްޔާގެ އައްރަޖްޙީ ކުންފުންޏާއެކު އެ ވުޒާރާއިން ވަނީ ހާއްސަ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި އިއުލާނުކުރެއްވި މި ބޮޑު މަޝްރޫއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ފެށުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.


