ޒަމާނީ ވަސީލަތަތްތަކާ އެކު، މަރުކަޒީ ބޭންކްގެ އާ އޮފީސް އިމާރާތެއް ހުޅުމާލޭގައި އަޅަނީ
10 ސެޕްޓެމްބަރު 2026 - 08:30

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އާ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިންގ އުސޫލުންނެވެ. މިފަދަ އާ އިމާރާތެއް އެޅުމަށް ނިންމާފައި ވަނީ ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ބޭންކުތަކުން ފައިސާ ގެނައުމާއި ބެލެހެއްޓުމުގައި ބޭނުންވާ ޒަމާނީ ސަލާމަތީ ކަންތައްތައް ފުރިހަމަކުރުމަށް އެކަށީގެންވާ ޖާގައެއް ހޯދުމަކީވެސް މީގެ މައިގަނޑު މަޤްޞަދެކެވެ.

Ad by Hajj Corporation
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އިމާރާތުގެ ބޮޑުމިނަކީ 8،064 އަކަމީޓަރެވެ. މި ސަރަހައްދުގައި އޮފީސް އިދާރީ މަސައްކަތްތަކަށް ބޭނުންވާ ޖާގައިގެ އިތުރުން، ފައިސާ ގެންގުޅުމާއި ބެލެހެއްޓުމަށް ޚާއްސަ ތަންތަން ހިމެނޭނެއެވެ.
މީގެއިތުރުން، މި އިމާރާތުގައި ޓްރެއިނިން އަދި ކޮންފަރެންސް ހޯލެއްގެ އިތުރުން މާލީ އިދާރާތަކަށް ޚާއްސަ އޮފީސް ޔުނިޓްތަކެއްވެސް ހިމެނޭނެ ކަމަށް އެމްއެމްއޭއިން ވަނީ ބަޔާންކޮށްފަ އެވެ. އެމްއެމްއޭއިން ބުނީ މި ވަސީލަތްތަކާ އެކު މި އިމާރާތަކީ މާލީ ނިޒާމަށް ފައިދާހުރި މުހިންމު ވަސީލަތަކަށްވާނެ ކަމަށެވެ.
މި ޕްރޮޖެކްޓުގެ 85 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ ފައިނޭންސް ހަމަޖައްސަންޖެހެނީ ކޮންޓްރެކްޓަރެވެ. އަދި ބާކީ ފައިސާ ހަމަޖައްސައިދޭނީ އެމްއެމްއޭއިން ކަމަށްވާއިރު، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމަށް ވަނީ އެދިފައެވެ.


