ޒިންމާދާރު ޓީޗަރެއްގެ ދައުރު އެއްވެސް ޓެކްނޮލޮޖީއަކަަށް އަދާނުކުރެވޭނެ:ނައިބު ރައީސް
12 ސެޕްޓެމްބަރު 2026 - 06:05

ޒިންމާދާރު ޓީޗަރެއްގެ ދައުރު އެއްވެސް ޓެކްނޮލޮޖީއަކަަށް އަދާނުކުރެވޭނެ ކަމަށާއި ދަރިވަރުން ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް އެންމެ ފުރިހަމަ މަސައްކަތެއް ކުރެވޭނީ ޓީޗަރުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ މި ރަސްމިއްޔާތުގައި ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމަށް ޓީޗަރުން އަދާކުރައްވާ ދައުރުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވާފައެވެ.
ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފު ވިދާޅުވީ ބައިނަލްއަގުވާމީ ޓީޗަރުންގެ މަހާސިންތާތައްފަދަ ހަރަކާތަތްކަކީ ޤައުމުގެ މުސްތަގުބަލު ބިނާކުރުމަށް ޓީޗަރުން ކުރައްވަމުންދާ މަސައްކަތުގައި މުހިންމު ހަރަކާތްތަކެއް ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ދުނިޔޭގެ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭގޮތުން މަޝްވަރާކުރެވި ޓީޗަރުން އިސްނަގައިގެން ހަދާ ދިރާސާތަކަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލުމަށް ޕްލެޓްފޯމެއް ލިބިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
"މިފަދަ މަހާސިންތާތަކުގައި ހިއްސާކުރާ މައުލޫމާތަކީ ބަދަލުވަމުން އަންނަ ދުނިޔެއަށް މުހިންމު އެއްޗެއް.އެ ބަދަލުތަކާއެކު ތަޢުލީމީ ނިޒާމުވެސް ބަދަލުވާންޖެހޭ . އެގޮތުން، އާޓިފިޝަލް އިންޓެލިޖެންސަކީ ޓީޗަރުންނަށް އައު ފުރުސަތުތައް ފަހިކޮށްދީ ދަރިވަރުންނަށްވެސް ގިނަ ފައިދާތަކެއް ފޯރުކޮށްދޭ ވަސީލަތެއް" ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް

Ad by Hajj Corporation
ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ފުރިހަމަ ތަޢުލީމީ ނިޒާމެއްގައި ކޮންމެ ދަރިވަރަކަށްވެސް އެ ދަރިވަރެއްގެ ފުރިހަމަ ގާބިލުކަމަށް ވާސިލްވުމުގެ ފުރުސަތު ފަހިވެފައި އޮންނަންވާނެ ކަމަށެވެ. އަދި ޓީޗަރުންވެސް ތަޢުލީމު ފޯރުކޮށްދޭންވާނީ އެ ކުއްޖަކާ ގުޅޭގޮތްތަކަށް ބަލައިގެން ކަމަށާއި ކްލާސްރޫމްތައްވެސް ގާއިމުވެފައި ހުންނަންވާނީ އެ ކުދިންނަށް އެ ފުރުސަތުތައް ފަހިވާގޮތަށް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ޤައުމުގެ ކުރިއެރުމަށް ޓެކްނިކަލް ދާއިރާތަކުންނާއި ވޮކޭޝަނަލް ހުނަރުތައް ލިބިފައިވާ ޒުވާނުން މުހިންމު ކަމަށާއި ތަޢުލީމީ ނިޒާމުގެ ތެރެއިން ވޮކޭޝަނަލް އެޑިއުކޭޝަންވެސް މުހިންމު ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.


