ޕީއެންސީގެ ކޮންގްރެސް: ޑިޖިޓަލް އިންގިލާބެއް
16 ސެޕްޓެމްބަރު 2026 - 15:33

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ކޮންގްރެސް ފޯރިއާއެކު ކުރިއަށްދާއިރު ފެނިގެންދަނީ ވަރަށް ފުރިހަމައަށް ހުރިހާ ކަމެއްވެސް އިންތިޒާމު ކުރެވިގެންދާ މަންޒަރެވެ. ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކަށް ވުރެ ސިޔާސީ މައިދާނަށް ޕީއެންސީ ހަގު ނަމަވެސް މިފަހަރުގެ ކޮންގްރެސްގައި އެ ޕާޓީން ވަނީ އެހެން ޕާޓީތަކަށް ނަމޫނާ ދައްކާފައެވެ. އެގޮތުން ކޮންގްރެސްގެ އިދާރީ ހުރިހާ މަސައްކަތްތަކެއް ޑިޖިޓަލައިޒްކޮށް، ކޮންގްރެސްގެ އިންތިހާބީ މަގާމުތަކަށް އީ-ވޯޓިން ސިސްޓަމެއްގެ ތެރެއިން ބޭފުޅުން ހޮވުމަކީ އީޖާދީ ވިސްނުންތަކަށް ޕީއެންސީ ފައްކާވެ، ފަރިތަވެފައި އޮތް މިންވަރު އަންގައިދިން ކަމެކެވެ. މިފަދަ ނިންމުންތަކުގެ ސަބަބުން އެނގިގެންދަނީ ޕީއެންސީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން، އުފެއްދުންތެރި ހިޔާލުތަކަށް ލޯހުޅުވިފައިވާކަމެވެ. ވަކިން ޚާއްސަކޮށް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅާ، ލީޑަޝިޕް ކޮލިޓީ ހަމައެކަނި މިކަމުންވެސް އެނގިގެންދެއެވެ.
ޕީއެންސީގެ މެންބަރުން ރާއްޖޭގެ އެކި ރަށްތަކާއި އެކި ގައުމުތަކުގައި ތިބެގެން ކޮންގްރެސްއަށް ރަޖިސްޓަރީވެފައިވަނީ ކޮންގްރެސްއަށް ހާއްސަކުރި އެޕްލިކޭޝަނަކާއި ޕޯޓަލެއް މެދުވެރިކޮށެވެ. ކޮންގްރެސްގެ ތެރެއިން ޕާޓީގެ އެކި މަގާމުތަކަށް ވޯޓުލުމަށްވެސް ބޭނުންކޮށްފައިވަނީ އަތުގައި އޮތް ސްމާޓް ފޯނެވެ. ކޮންގްރެސްގެ ސެޝަންތަކާއި، ކޮންމެ ސެޝަނެއްގެ އެޖެންޑާގައި ހިމެނޭ މަސައްކަތްތައް މެންބަރުންގެ ސަމާލުކަމަށް ގެންނަމުން ދިޔައީ އެޕްލިކޭޝަނެއް މެދުވެރިކޮށް ފޮނުވަމުން ދިޔަ އެލާޓް ނޮޓިފިކޭޝަންތަކެއް ޒަރީއާ އިންނެވެ.

Ad by Hajj Corporation

ރައީސް ޑރ. މުއިއްޒު ކޮންގްރެސްގެ ބައިވެރިންނާއި، ދާއިރާތަކުގެ އިސް ބޭފުޅުންނާއި، ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނާއި، ސަރުކާރުގެ އެކި ލެވަލްތަކުގެ ވެރިންނާ އަދި ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާ އެކު ބޭއްވެވި ވަކިވަކި ބައްދަލުވުންތަކަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދީ އެފަދަ ބައްދަލުވުންތަކަށް ކޯލް ކުރަމުން ދިޔައީވެސް ޑިޖިޓަލް ނިޒާމެއްގެ ތެރެއިންނެވެ.
ޕީއެންސީގެ ކޮންގްރެސް ޑިޖިޓަލައިޒް ކުރުމާ ގުޅިގެން ކަރުދާހަށް ކުރަންޖެހުނު އެތައް ހަރަދެއް ސަލާމަތްކުރެވި ކޮންގްރެސްގެ މަސައްކަތްތައް ވަރަށް ބޮޑަށް އަވަސްކުރެވުނު ކަމަށް ލީޑަޝިޕްގެ ބޭފުޅުން ވިދާޅުވެފައިވެއެވެ.

ޕީއެންސީގެ ކޮންގްރެސްގެ މައިގަނޑު ހުރިހާ ސެޝަންތަކެއް އެ ޕާޓީގެ ސޯޝަލްމީޑިއާ މަންސަތަކުން، ޕާޓީގައި ތިބި 80،000 މެންބަރުންނަށް ވަގުތުން ވަގުތަށް ގެނެސްދީފައިވެއެވެ. އެކަމުން އަންގައިދެނީ ޕީއެންސީއަކީ ދުނިޔެ މިއަދު މިދެކޭ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން، ދެފުށް ފެންނަ ޕާޓީއެއް ގޮތަށް ހިންގަން ފަރިތަ ޕާޓީއެއް ކަމެވެ. ޕީއެންސީގެ ކޮންމެ މެންބަރަކީ ސްމާޓް ވަސީލަތްތައް މެދުވެރިކޮށް ޑިޖިޓަލް ދުނިޔެއަށް ލޯހުޅުވައިދިން ޕާޓީއެއްކަމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ދިވެހި ދައުލަތުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރުމަށް "މޯލްޑިވްސް 2.0"ގެ ނަމުގައި މުޅި ރާއްޖެ ބަދަލުކޮށްލާނެ ބޮޑު މަޝްރޫއެއް ފަށާފައެވެ. ރައީސްގެ އެ ތަސައްވުރު ހަޤީގަތަކަށް ހެދުމަށްޓަކައި ޕީއެންސީގެ ކޮންމެ މެންބަރަކުވެސް ކޮނޑާކޮނޑު ޖައްސައިގެން މަސައްކަތް ކުރާނެކަން ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން މިވަނީ ސާބިތުކޮށްދީފައެވެ.


