ކާބޯތަކެއްޗާއި، ތެލާއި، އަދި ބޭސް ފަދަ އަސާސީ މުދާ މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ލިބޭނެ: މަލީ ވަޒީރު
17 ސެޕްޓެމްބަރު 2026 - 10:07

ދުރާލާ ވީ ތައްޔާރީތަކުގެ ސަބަބުން ކާބޯތަކެއްޗާއި، ތެލާއި، އަދި ބޭސް ފަދަ އަސާސީ މުދާ މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ސަރުކާރުން ދަރަނިތައް އަދާކުރުމަށާއި ޒަރޫރީ ބޭނުންތަކަށް ބޭރުން މުދާ އެތެރެކުރުމަށް ބޭރުފައިސާ ހުސްވެފައިވާ ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ. މިކަމާ ގުޅޭގޮތުން ސޯޝަލް މީޑީއާހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ދަރަނިތައް ޒިންމާދާރުކަމާއި ރޭވުންތެރިކަމާއެކު ދައްކަމުންދާ ކަމަށެވެ. އަދި މިގޮތުން ދަރަނި އަދާކުރުމަށް ހަދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރެވެމުންދާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މި ދެންނެވި މަސައްކަތްތަކުގެ ސަބަބުން ކާބޯތަކެއްޗާއި އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން ބޭސް އެތެރެކުރުމަށް ބޭނުންވާ ފައިސާގެ ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން ވަޒީރު ދެއްވާފައިވެއެވެ. މިކަމުގެ ސަބަބުން ގައުމުގެ އިގްތިސޯދީ އަދި މާލީ ހާލަތު ރަނގަޅު ރައްކާތެރި މިސްރާބެއްގައި ހުރިކަން އެނގިގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، ސަރުކާރުން ދަރަނި އަދާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސް.ބީ.އައި) އިން ކުރީގެ ސަރުކާރުން ނަގާފައިވާ ޓްރެޝަރީ ބިލްތަކަށްވާ ފައިސާ މިހާރު ވަނީ އަނބުރާ ދައްކާފައެވެ. އެގޮތުން 2019 ވަނަ އަހަރު ތިން ބަޔަށް ބަހާލައިގެން ނެގި އެ ޓްރެޝަރީ ބިލްތަކުގެ ފަހު އިންސްޓޯލްމަންޓްގެ 50 މިލިއަން ޑޮލަރު މިއަދު އަދާކޮށް ނިންމާލާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.


