ލަނޑުދަނޑިތައް ހާސިލްކުރުމަށް މޫސުމީ އިންވެސްޓްމަންޓްތައް ބޭނުން: ޒަރީރު
14 ނޮވެމްބަރު 2026 - 11:08

ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް 2040 ވަނަ އަހަރުގެ ނިޔަލަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ހާސިލްކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައާއި، ތިމާވެށި ހިމާޔަތްކުރުމާއި އަދި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންވެސްޓް ކުރަންޖެހޭ ކަމުގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ޑުސިޓްޑީ2 ފޭދޫ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް ފިނޭންސް ފޯރަމް 2026 ގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވަމުންދާ ނުރައްކާތައް އިތުރުވަމުންދާ ކަމަށެވެ. އަދި ގައުމީ ތަރައްގީގެ ޕްލޭންތަކުގައި މޫސުމީ ވިލުންތެރިކަން ހިމަނަންޖެހޭ ކަން ފާހަގަކުރެއްވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމުގެ އިތުރުން ރަށްތަކަށް ގުދުރަތީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ގައުމުގެ ކަނޑުގެ ދިރުންތަކުގެ ނިޒާމު މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
މީގެ އިތުރުން ވިލުންތެރި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށާއި އާންމު ހިދުމަތްތައް ރައްކާތެރިކުރުމަށް ދައުލަތުގެ ބަޖެޓާއި، ބައިނަލްއަގްވާމީ އެހީ އަދި ލުއި ލޯނުތައް ކޮންމެހެން ބޭނުންތެރި ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އަންނަން އޮތް ޖީލުތަކަށް ދަރަނީގެ އިތުރު ބުރައެއް ނުޖެހޭނޭހެން ތަރައްގީގެ ބޭނުންތައް ފުއްދުމަށްޓަކައި، އަމިއްލަ ދާއިރާގެ އިންވެސްޓްމަންޓްތަކާއި ދިގު މުއްދަތުގެ ފައިނޭންސް ހޯދަންޖެހޭ ކަމުގައި ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ ބޭނުންތަކުގެ 33 އިންސައްތަ އިއާދަކުރަނިވި ވަސީލަތްތަކުން އުފެއްދުމުގެ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާ ކަމަށެވެ. އަދި އިއާދަކުރަނިވި ހަކަތަ ފުޅާކުރުމަކީ ބޭރުން ތެޔޮ އެތެރެކުރުމަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްވެސް އެހީތެރިވެދޭނެ ކަމެއް ކަމުގައި ވިދާޅުވި އެވެ.
ގްރީން ކްލައިމެޓް ފަންޑުގެ ޑައިރެކްޓް އެކްސެސް އެކްރެޑިޓޭޝަން ލިބުނު ފުރަތަމަ ދިވެހި މުއައްސަސާއަކަށް މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) ވެގެން ދިއުމުން އެ ކުންފުންޏަށް މިނިސްޓަރު ވަނީ މަރުޙަބާ ވިދާޅުވެފަ އެވެ. އަދި މިއީ ބައިނަލްއަގްވާމީ ފެންވަރުގައި މޫސުމާ ގުޅޭ މައްސަލަތަކުގައި ފައިސާ ހޯދުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ގްރީން ފައިނޭންސިންގެ ކާމިޔާބީ މިނެކިރަންވާނީ އޭގެ ހަގީގީ ނަތީޖާތަކުން ކަމަށެވެ. އޭގެ ތެރޭގައި މޫސުމީ ވިލުންތެރި އުމްރާނީ ވަސީލަތްތައް ބިނާކުރުމާއި، އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި، އަދި ދިވެހި ރައްޔިތުންގެ މާލީ ރައްކާތެރިކަން އިތުރުކުރުން ހިމެނޭ ކަމުގައި ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
