މޯލްޑިވްސް ފައިނޭންސް ފޯރަމް ހާއްސަކުރަނީ ގްރީން ފައިނޭންސަށް
10 ނޮވެމްބަރު 2026 - 13:14

މޯލްޑިވްސް ފައިނޭންސް ފޯރަމް މިމަހުގެ 14 ވަނަ ދުވަހު ޑުސިޓްޑީ ޓޫ ފޭދޫގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
މޯލްޑިވްސް ފައިނޭންސް ފޯރަމް އިންތިޒާމު ކުރަނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް ގުޅިގެންނެވެ.
.png&w=750&q=75)
Ad by Hajj Corporation
މިފޯރަމް މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ ގްރީން ފައިނޭންސާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި، ދިގު މުއްދަތުގެ މާލީ ރައްކާތެރި ކަމަށެވެ.
މި ފޯރަމްގެ މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ގޮންޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި، މާލީ އިދާރާތަކަށާއި، ވިޔަފާރިތަކަށާއި، ޕެންޝަން ފައިސާއަށް ކުރާނެ ނޭދެވޭ އަސަރުތައް ފާހަގަކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް އިންވެސްޓްމަންޓްތައް މިސްރާބުކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމެވެ.
މި ފޯރަމްގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާވާނީ އިޔާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ އުމްރާނީ ވަސީލަތްތަކާއި، ފެނުގެ ރައްކާތެރިކަމާއި، ތިމާވެށި ހިމާޔަތްކުރުން ފަދަ ތިމާވެއްޓަށް ފައިދާހުރި މަޝްރޫއުތަކަށް އިންވެސްޓްކުރުމާ ގުޅޭ "ގްރީން ފައިނޭންސް" ގެ މައްޗަށެވެ.
މީގެ އިތުރުން މަސްވެރިކަމާއި، ފަރުތަކާއި، ކަނޑުތަކުގެ ފަތުރުވެރިކަން ހިމެނޭހެން ކަނޑުގެ އިގްތިސާދަށް އެހީތެރިވެދިނުމަށް އަމާޒުކުރާ "ބްލޫ ފައިނޭންސް" އަކީ ވެސް މައިގަނޑު މައުޟޫޢުތަކުގެ ތެރޭގައި ހިމެނޭ އެއް ދާއިރާ އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އިތުރުވަމުންދާ އިގްތިސާދީ ނުރައްކާތަކަށްވެސް މި ފޯރަމްގައި ބަލާލުމަށް ހަމަޖެހިފައިވެ އެވެ.
ޕެންޝަން އޮފީހުން މިއަދު ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ ރަށްތަކުގެ ގާތްގަނޑަކަށް 80 އިންސައްތައަކީ ކަނޑުގެ ލޮނުގަނޑަށްވުރެ އެންމެ މީޓަރެއްހާ އުހުގައި އޮންނަ ރަށްތަކެކެވެ. އަދި 1998 ވަނަ އަހަރުން ފެށިގެން، ބޮޑެތި މުރަކަ ހުދުވުމުގެ ހާދިސާތައް ކުރިމަތިވާ މުއްދަތުގެ ދުރުމިން 18 އަހަރުން 8 އަހަރަށް ކުރުވެފައިވާކަންވެސް މައުލޫމާތުތަކުގައި ފާހަގަކޮށްފައިވެއެވެ.
މޫސުމީ ނުރައްކާތަކުގެ ސަބަބުން ފަތުރުވެރިކަމަށާއި، މަސްވެރިކަމަށާއި، އާއިލާތަކުގެ އާމްދަނީއަށާއި، މާލީ އިދާރާތަކަށް ކުރާނެ އަސަރުތަކުގެ އިތުރުން، އިންވެސްޓްމަންޓްތަކަށާއި ޕެންޝަން ފައިސާއަށް ފޯރާނެ އަސަރުތަކާ ގުޅޭގޮތުންވެސް މި މަޝްވަރާތަކުގައި ވާހަކަދައްކާނެ އެވެ.

-01.jpg&w=3840&q=75)
