ޒުވާނުން ނަފްސާނީ އެހީތެރިކަން ހޯދުމަށް ހޮޓްލައިނެއް ތައާރަފްކޮށްފި
20 ސެޕްޓެމްބަރު 2026 - 07:29

ޒުވާނުންނަށް ބޭނުންވާ ކައުންސިލިން އާއި ނަފްސާނީ ސިއްހަތާ ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ހޮޓްލައިނެއް ތައާރަފްކޮށްފި އެވެ.
ޔޫތު މިނިސްޓްރީން ތައާރަފްކޮށްފައިވާ ހިލޭ ގުޅޭ ނަންބަރަކީ "1456" އެވެ.
ހޮޓްލައިންގެ ބޭނުމަކީ ޒުވާނުންނަށް ބޭނުންވާ ކައުންސިލިން އާއި ނަފްސާނީ ސިއްހަތުގެ އެހީތެރިކަމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު، އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.
ޔޫތު މިނިސްޓްރީން ބުނި ގޮތުގައި ހޮޓްލައިން މެދުވެރިކޮށް ވަކިވަކި ފަރުދުންނަށާއި އާއިލާތަކަށް ބޭނުންވާ ކައުންސެލިންގެ ހިދުމަތާއި، ނަފްސާނީ ސިއްހަތުގެ އެހީތެރިކަމާއި، ނަފްސާނީ ކުއްލި އެހީތެރިކަން ލިބޭނެ އެވެ. އަދި ސިއްހީ ސްކްރީނިން ހިދުމަތްތަކާއި، ދިރިއުޅުމުގެ ހުނަރުތަކާއި، ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކުގެ އިތުރުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެހެނިހެން އެހީތެރިކަންވެސް ލިބޭނެ އެވެ.
ހިދުމަތް ލިބޭނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރުފަހު 2:00އަށް ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
ނަފްސާނީ ބަލި މީހުންނަށް ހާއްސަކޮށްގެން މެންޓަލް ހެލްތު ހެލްޕްލައިންގެ ނަމުގައިވެސް ހޮޓްލައިނެއް ގާއިމުކޮށްފައިވެ އެވެ. އެއީ 24 ގަޑިއިރު ގުޅޭ "1677" ނަންބަރެވެ.
.png&w=750&q=75)
Ad by Hajj Corporation


