ޓެކްސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާ އިން އިއުލާން ކޮށްފި
21 ސެޕްޓެމްބަރު 2026 - 06:53

މީރާއިން އަންގާފައިވާ އެންގުމާ އެއްގޮތަށް ޓެކްސް ފައިސާ ދައްކާފައިނުވާ 33 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފި އެވެ.
މި ފަރާތްތަކަކީ ޓެކްސްގެ ގޮތުގައި ނުދައްކައިވާ ފައިސާގެ އަދަދު އެއް މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކެވެ. މީރާއިން ބުނީ މި ނަންތައް އާންމުކޮށްފައިވަނީ "ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާ އުސޫލު" ގެ ދަށުން ކަމަށެވެ. އަދި މި ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސް މެދުވެރިކޮށް ވެސް މައުލޫމާތު ދީފައިވާނެ ކަމަށާއި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ސާފުކޮށްދީފައިވާނެ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.
އަދި ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހުގެ ފައިސާ ހޯދުމަށްޓަކައި، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައްވެސް އެއްވެސް ތަފާތުކުރުމެއްނެތި އަޅަމުންދާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. އެހެންކަމުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ލަސްނުކޮށް ބަޔާންތައް ހުށަހެޅުމަށާއި، ޓެކުހުގެ ފައިސާ ނުދައްކައިވާ ފަރާތްތަކުން އަވަހަށް ފައިސާ ދައްކައި ނިންމުމަށް މީރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން، މިދިޔަ މަހުގެ މާލީ ރިޕޯޓުގައިވާގޮތުން އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކުރި މަސައްކަތުން މިދިޔަ މަހު އެކަނިވެސް 497 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާ އިން މައުލޫމާތުދެ އެވެ.
.png&w=750&q=75)
Ad by Hajj Corporation


