logo
Bank of Maldives

Bank of Maldives

ރިޕޯޓް

އިޤްތިޞާދީ އައު އިންޤިލާބެއް: ސަރުކާރުން ދަރަނި ނުނަގައި ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓަރފްރަންޓަކާއި މެރީނާއެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ސެޕްޓެމްބަރު 2026 - 18:01
 އިޤްތިޞާދީ އައު އިންޤިލާބެއް: ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓަރފްރަންޓަކާއި މެރީނާއެއް

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދުރުވިސްނޭ ހަރުދަނާ ތަސައްވުރުގެ ދަށުން، ދިވެހިރާއްޖޭގެ ތަރައްޤީގެ ތާރީޚުގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ އަދި އުއްމީދީ އެއް މަޝްރޫޢުގެ ގޮތުގައި ރަސްމާލެ ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ބާރުމިނެއްގައި ކުރިއަށެވެ. ދައުލަތުން ބޮޑެތި ލޯނުތަކާއި ދަރަނި ނުނަގައި، ބޭރުގެ ވަރުގަދަ އިންވެސްޓަރުންނާ ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަންޒަރު މުޅިން ބަދަލުކޮށްލާނެ ފަދަ އިންޤިލާބީ ފިޔަވަޅެކެވެ. މި މަޝްރޫޢު ތަރައްޤީކުރުމަށްޓަކައި ދިވެހި ސަރުކާރާއި ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ ދެމެދު ވަނީ ވިޔަފާރި އުސޫލުތަކުގެ މުހިންމު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މަޝްރޫޢުގެ މުހިންމުކަމާއި އިންވެސްޓްމަންޓް

Ad by Hajj Corporation

Ad by Hajj Corporation

އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބިޔަ މަޝްރޫޢުގެ ޖުމްލަ އަގު ގާތްގަނޑަކަށް 20 ބިލިއަން ޔޫއެސް ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ސަރުކާރުގެ ސީދާ ދަރަންޏެއް ނެތި، ދުނިޔޭގެ ފެންވަރުގެ އިންވެސްޓަރަކާ ގުޅިގެން މިފަދަ ބޮޑު މަޝްރޫޢެއް ހިންގުމަކީ ޤައުމުގެ މާލީ ރައްކާތެރިކަން ދެމެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. މިއީ ދިވެހިރާއްޖޭގެ ބްރޭންޑަށް ދުނިޔޭގައި އޮތް އިތުބާރާއި މަޤްބޫލުކަން ހާމަކޮށްދޭ އަގުހުރި ހެއްކެކެވެ.

އީގަލް ހިލްސްގެ ތަޖުރިބާއާއި އިތުބާރު

މި މަޝްރޫޢު ތަރައްޤީކުރާ އީގަލް ހިލްސް ކުންފުންޏަކީ ދުބާއީގެ ޑައުންޓައުން އަދި ބެލްގްރޭޑް ވޯޓަރފްރަންޓް ފަދަ ދުނިޔެ ސިއްސުވާލި ބޮޑެތި ސިޓީތައް ބިނާކުރުމުގެ މޭސްތިރިޔާ މުޙައްމަދު އަލައްބާރުގެ ލީޑަރޝިޕްގެ ދަށުން ހިންގާ ކުންފުންޏެކެވެ. ދުނިޔޭގެ އެކި ބައްރުތަކުގައި ފުރިހަމަ ޝަހަރުތައް ބިންގަލުން ފެށިގެން ބިނާކުރުމުގެ ޤާބިލުކަން ލިބިފައިވާ މިފަދަ ތަޖުރިބާކާރު ފަރާތަކާއެކު ވެވުނު މި ބައިވެރިވުމަކީ ރަސްމާލެ މަޝްރޫޢު އެންމެ މަތީ ފެންވަރުގައި ނިމިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަމެކެވެ.

ޤާއިމުކުރެވޭނެ ވަސީލަތްތަކާއި ޚިދުމަތްތައް

ދުނިޔޭގެ ފެންވަރުގެ ބައިނަލްއަޤްވާމީ ވޯޓަރފްރަންޓް އަދި މެރީނާ މަންޒިލެއްގެ ގޮތުގައި ތަޞައްވުރު ކުރެވިފައިވާ މި މަޝްރޫޢުގައި މަތީ ފެންވަރުގެ އެތައް ވަސީލަތްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ފެންވަރު މަތީ ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ އެންމެ މަތީ ފަންތީގެ މެހެމާންދާރީގެ ޚިދުމަތްތަކާއި، މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމުގެ ވަސީލަތްތައް ހިމެނެއެވެ. މީގެއިތުރުން ފެންވަރު ރަނގަޅު ޞިއްޙީ، ތަޢުލީމީ އަދި ވިޔަފާރީގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ފުރިހަމަ އާބަން މާޙައުލެއް މިތަނުގައި ބިނާކުރެވޭނެއެވެ.

އިޤްތިޞާދީ ފައިދާއާއި މުސްތަޤުބަލު

ރަސްމާލޭގައި ތަރައްޤީކުރެވޭ މި ވޯޓަރފްރަންޓްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުވެ، މުޅިން އައު މާކެޓްތަކަށް ފުރުޞަތު ހުޅުވިގެންދާނެއެވެ. އަދި ދިވެހި އެތައް ރައްޔިތުންނަކަށް ވަޒީފާގެ އައު ފުރުޞަތުތަކާއި ވިޔަފާރީގެ ފަހި މާޙައުލެއް އުފެދި، ޤައުމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެއެވެ. މިފަދަ އިންވެސްޓްމަންޓްތަކަކީ ޤައުމުގެ މުސްތަޤުބަލުގެ އިޤްތިޞާދީ ތަނަވަސްކަމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ.

ދަރަނިވެރިނުވެ ޤައުމު ތަރައްޤީކުރުމުގެ އައު ވިސްނުން

ރަސްމާލޭގެ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢަކީ ދަރަނިވެރިނުވެ ޤައުމު ތަރައްޤީކުރުމުގެ އައު ވިސްނުމުގެ ދަށުން އެޅޭ ނަމޫނާ ފިޔަވަޅެކެވެ. ދުނިޔޭގެ މަޤްބޫލުކަން ލިބިފައިވާ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި އީގަލް ހިލްސްގެ ބިނާކުރުމުގެ ފަންނުވެރިކަން އެކުލެވިގެން އުފެދޭ މި މަންޒިލް ވެގެންދާނީ ދިވެހިރާއްޖެ ދުނިޔޭގެ ޗާޓުގައި އިތުރަށް ވިދާލާނެ ފަޚުރުވެރި ރަމްޒަކަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލޭގައި ބިޔަ މަޝްރޫޢު ހިންގާ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަނީޚަބަރު | 30 މިނިޓު ކުރިން އިޤްތިޞާދީ އައު އިންޤިލާބެއް: ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓަރފްރަންޓަކާއި މެރީނާއެއްރިޕޯޓް | ގަޑިއިރެއް ކުރިންރަސްމާލޭގައި ހިންގާ ޓޫރިޒަމުގެ އެންމެ ބޮޑު މަޝްރޫއަށް ނަޝީދުގެ ތާއީދުޚަބަރު | 5 ގަޑިއިރު ކުރިންރަސްމާލޭގެ ބިޔަ މަޝްރޫޢުން 54،000 ވަޒީފާ؛ ރާއްޖެއަށް 18 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްޚަބަރު | 11 ގަޑިއިރު ކުރިން