ޖަލުތަކަށް މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިއްޖެ: ސީޕީ ޒަރީރު
22 ސެޕްޓެމްބަރު 2026 - 13:55

ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސީޕީ ޒަރީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހިންގި "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކައިރި މުސްތަޤްބަލެއްގައި 300 އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އަދި ދޫނިދޫ ޖަލާއި މާލޭ ޖަލު ބަންދުކުރުމަށްފަހު، އެ ގެއްލުނު ގޮޅިތަކުގެ ޖާގަތަކަށް ހައްލެއް ނުހޯދެނީސް ޖަލުތަކަށް ބަންދުކުރުމަށް 520 އަށް ވުރެ ގިނަ މީހުން ވައްދަން ޖެހުމުން، ޖާގައިގެ ދަތިކަމުގެ އިތުރުން ޤާނޫނުގައި ލާޒިމްކުރާ ރޭޝިއޯއަށްވުރެ އޮފިސަރުން މަދުވެ، ތިބި އޮފިސަރުންނަށް ބުރަ ބޮޑުވެގެންދާކަން ވެސް ސީޕީ ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
އޮފިސަރުންގެ ދަތިކަން ހައްލުކުރުމަށް ދަސްވެނިވި 10 ކުދިންގެ އިތުރުން މިހާރުވެސް މާފުށީ ޖަލުގައި އޮފިސަރުންތަކެއް ތަމްރީން ހާސިލުކުރަމުންދާކަން ހާމަކުރައްވަމުން ސީޕީ ވިދާޅުވީ، ކަރެކްޝަންސްގެ އޮފިސަރުންނަކީ ސިފައިންނާއި ފުލުހުން ފަދައިން ޤައުމަށްޓަކައި ޚިދުމަތްކޮށް ފުރާނައިން ޤުރުބާންވާނެ ކަމަށް ހުވާކޮށްގެން ތިބޭ ބައެއް ކަމަށެވެ. އަދި ޒަމާނީ ވަސީލަތްތައް މަދުނަމަވެސް ޖަލަށް ވެއްދުން މަނާތަކެތި ހުއްޓުވުމަށް އެ ފަރާތްތަކުން މަސައްކަތްކުރާކަން ފާހަގަކުރައްވައި، އޮފިސަރުންގެ ތެދުވެރިކަމާއި ނަޒާހަތްތެރިކަން ދެމެހެއްޓުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން، 55 އަހަރުވީ މި ޚިދުމަތް 2013 ގައި ޤާނޫނު ވުޖޫދުވެ ސިވިލް ސަރވިސްއިން ވަކި ޚިދުމަތަކަށް ބަދަލުވެ ތަރައްޤީ ވެފައިވީ ނަމަވެސް، ކަރެކްޝަންސްގެ މަސައްކަތްތައް އެންމެ ބޭނުންވާ މިންވަރަށް ޒަމާނީ ވެފައިނުވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އޮފިސަރުން ތަމްރީނުކުރުމަށާއި ޤައިދީން އިސްލާހުކުރުމަށް އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން، މިހާރުވެސް 200 އެއްހާ އޮފިސަރުންނާއި މުވައްޒަފުން ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކިޔަވަމުންދާ ކަމަށް ވިދާޅުވިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮންފަރަންސް ހޯލްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަސީޙުއެވެ. މި ރަސްމިއްޔާތުގައި ސީޕީ ޒަރީރުގެ އިތުރުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަލްއުސްތާޛާ ޢާއިޝަތު ޝިއުނާ، ހައިކޯޓްގެ ޣާޒީ އަލްއުސްތާޛް އިސްމާޢީލް ޝަފީއު، އިމިގްރޭޝަންގެ އިސް ވެރިންނާއި ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި ދަސްވެނިންގެ އާއިލާތަކުން ބައިވެރިވެލެއްވިއެވެ.


