3 ވުޒާރާގައި އަލިފާން ރޯވީ ކަރަންޓު މައްސަލައަކުން، ގަސްތުގައި ރޯކޮށްލި ކަމުގެ ހެއްކެއް ނެތް: ފުލުހުން
24 ސެޕްޓެމްބަރު 2026 - 10:30

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވެ އަނދައިގެން ދިޔަ ހާދިސާއަކީ ކަރަންޓު މައްސަލައަކުން ހިނގި ހާދިސާއެއް ކަމަށާއި، އެއްވެސް ފަރާތަކުން ގަސްތުގައި އަލިފާން ރޯކޮށްލި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ ރާއްޖެއިން ބޭރުގެ އެހީތެރިކަމާއެކު ފުޅާ ދާއިރާއެއްގައި ތަހުގީގެއް ހިންގާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ތަހުގީގަށް ހޯދިފައިވާ މައުލޫމާތުތައް ނޫސްވެރިންނާ ހިއްސާކުރަމުން ފުލުހުން ވަނީ އެދުވަހުގެ ފަތިހު 05:33 އިން ފެށިގެން 07:17 އާ ދެމެދުގެ ވީޑިއޯ ފޫޓޭޖާއި ފޮޓޯތައް ދައްކާލާފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ހައުސިންގ މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީ ހުންނަ ދެ އިމާރާތުގެ ދޭތެރެއިން ހައުސިންގ މިނިސްޓްރީގައި ފުރަތަމަ އަލިފާން ރޯވެފައި ހުއްޓާ ފެނިފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސެކިއުރިޓީއަށެވެ. ގުޅަންވީ އިދާރާއެއް ސެކިއުރިޓީ އޮފިސަރަށް ނޭނގުމުން މަގުމަތިން ފެނުނު އެމްއެންޑީއެފްގެ އޮފް ޑިއުޓީ އޮފިސަރަކަށް އެކަން ހިއްސާކުރުމުން، އެ އޮފިސަރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއަށް އަންގައި ދެ އިމާރާތް ދޭތެރެއިން ފެނުނު އަލިފާން ނިއްވާލާފައިވެއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއަށް 06:17 ހާއިރު ގުޅާފައިވާއިރު، ފަޔަރ ފައިޓަރުން އެ ސަރަހައްދަށް އައިސްފައިވަނީ 06:35 ގައެވެ. އިމާރާތުގައި އަލިފާން ރޯވެފައިވާ ތަން ހޯދުމަށް ކުރި މަސައްކަތުން ހައުސިންގ މިނިސްޓްރީގެ ތިރީ ފަންގިފިލާގެ ސީލިން އަދި ފުރަތަމަ ފަންގިފިލާގެ ޑެކުގައި ރޯވެފައި ހުއްޓާ ފެނިގެން ނިއްވާލަން މަސައްކަތް ކުރި މަންޒަރު ފެނެއެވެ. ނަމަވެސް އިމާރާތުގެ ކަރަންޓު ވަޔަރިން ހުރި ގޮތުން ދަތި ދޭތެރެތަކުގައި ނަރުތައް ހުރުމުން، އަލިފާން ރޯވިތަން ދެނެގަތުމަށް ފަޔަރ ފައިޓަރުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވި ކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ.
ފުލުހުން ވިދާޅުވީ ނަރުތަކުގެ ފޮރެންސިކް ތަހުލީލުތަކުން ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި، އެ އިމާރާތުގެ ޖިއޮމެޓްރިކްސް ޑިޕާޓްމަންޓުގައި ކަރަންޓު މައްސަލަ ހުރިކަން މުވައްޒަފުންގެ ބަހުންވެސް އެނގިފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގަށް 14 ކެމެރާއަކުން 676 ގަޑިއިރުގެ ފުޓޭޖް އެނަލައިޒްކޮށްފައިވާކަން ހާމަކުރައްވަމުން ފުލުހުން ވިދާޅުވީ، "މިހާތަނަށް ހޯދިފައިވާ މަޢުލޫމާތުތަކުން އެއްވެސް މީހަކު ގަސްތުގައި އަލިފާން ރޯކޮށްލާފައިވާކަމުގެ އެއްވެސް ކަމެއް ފާހަގަވެފައިނުވޭ" ކަމަށެވެ. އަދި އޮފީސް ބަންދުކުރުމާއި ހެނދުނު މުވައްޒަފުން އައުމާ ދެމެދު އެއްވެސް މީހަކު އެ އިމާރާތަށް ވަދެފައި ނުވާކަންވެސް ވަނީ ކަށަވަރުވެފައެވެ.
2024 ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ތިން ވުޒާރާއެއް އަނދައިގެން ދިޔައިރު، އިންޝުއަރެންސް ކޮށްފައިވަނީ ހަމައެކަނި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިމާރާތް އެކަންޏެވެ. މީގެއިތުރުން، މި އަލިފާނުގެ ހާދިސާގެ ސަބަބުން ކައިރީގައި ހުރި 3 ގެއެއްގެ 9 އެޕާޓްމަންޓަކަށާއި 2 ފިހާރައަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.


