މަސްޖިދުލްޙަރާމްގެ އިމާމު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެވަޑައިގަންނަވަނީ
24 ސެޕްޓެމްބަރު 2026 - 17:48

މައްކާގެ މަސްޖިދުލްޙަރާމްގެ އިމާމު އަދި ޚަތީބު ފަޟީލަތުއްޝައިޚު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މިއީ 43 އަހަރަށް ފަހު މަސްޖިދުލްޙަރާމްގެ އިމާމަކު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިކަން އިޢުލާންކޮށްދެއްވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ވަޒީރު ވިދާޅުވީ "ޤުރުއާން ކިޔަވާކުދިންނާއި ޒުވާން ޚަތީބުންނަށް އުފާވެރި ވާހަކައެއް މިއީ. މައްކާގެ މަސްޖިދުލްޙަރާމްގެ އިމާމް ޑރ.ޔާސިރް އައްދައުސަރީ އިރާދަކުރެއްވިއްޔާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ." މިފަދައިންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ޝައިޚް ޑރ. ޔާސިރް އައްދައުސަރީއަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތުދެއްވާފައިވަނީ ޒުވާން ޚަތީބުންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ދުވަހަށް ވަޑައިނުގަންނެވުނު ނަމަވެސް، އޯލެވެލް އިމްތިޙާން ނިމުމުން އެ ދަތުރުފުޅުގެ ތާރީޚު ހަމަޖައްސަވާނެކަމަށް ވަޒީރު ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް މީގެ ކުރިން މަސްޖިދުލްޙަރާމްގެ އިމާމަކު ވަޑައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެ ފަހަރު ވަޑައިގެންނެވީ މަސްޖިދުލްޙަރާމްގެ އިމާމް މުޙައްމަދު އައްޒުބައިޔީއެވެ. އެ ފަހުން މިހާތަނަށް މަސްޖިދުލްޙަރާމްގެ އިމާމަކު ރާއްޖެއަށް ވަޑައިގެންފައެއް ނުވެއެވެ.
މުޅި އިސްލާމީ ދުނިޔޭގައިވެސް އެންމެ މަޤުބޫލު އަދި އަޑުރީތި ޤާރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ޔާސިރް އައްދައުސަރީއަކީ މަސްޖިދުލްޙަރާމްގެ އެންމެ ޒުވާން އެއް އިމާމެވެ. އެމަނިކުފާނު 2019 ވަނަ އަހަރު މަސްޖިދުލްޙަރާމްގެ ދާއިމީ އިމާމަކަށް އައްޔަންކުރެއްވުމުގެ ކުރިން ރިޔާޟްގެ މަސްޖިދުލް ދަޚީލްގައި އިމާމުކަން ކުރެއްވިއިރު، އެމަނިކުފާނުގެ ރީތި ޤުރުއާން ކިޔެވުން ސޯޝަލް މީޑިއާގައި ބޮޑު މަޤްބޫލުކަމެއް ހޯދިއެވެ. މީގެ އިތުރުން 2020 ވަނަ އަހަރުން ފެށިގެން އެމަނިކުފާނަކީ ދެ ޙަރަމްފުޅުގެ ކަންކަން ބަލަހައްޓާ ޖެނެރަލް ޕްރެޒިޑެންސީ ފޯ ދަ ހަރަމައިންގެ އެޑްވައިޒަރެއްވެސް މެއެވެ.


